ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް އެ ގެނެވުނު އިސްލާހުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ބިން އެކަށައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް މި ގަނޫނަށް ގެނައި އިސްލާޙުގެ ދަށުން ލިބިގެންވެއެވެ.

މިއަދު ތަސްދީގުކުރެއްވި ބިލުގައި ކަނޑައަޅާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ޓުއަރިޒަމަށް ދޫކުރާ ބިންތަކުގެ ކުއްޔަށް ބަދަލު ގެންނަ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. މީގެ ކުރިން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބިމު ކުލީގެ ގޮތުގައި ނަގަނީ އެއް އަގުތަކެކެވެ. ނަމަވެސް މި ބިލާއެކު އެކި އަތޮޅުތަކުން ނަގާއަގު ތަފާތު ވާނެއެވެ.

މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށާއި، ދިވެހިންނަށް މަންފާވާނެ ގޮތެއްގައި ޓޫރިޒަމް ދާއިރާ ހިންގުމަށްޓަކައި ވަނީ މުހިންމު އިސްލާހުތަކެއް އެ ގާނޫނަށް ގެނެސްފައެވެ.