ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ތަހުގީގު ކުރަން ނިންނަމައިފިއެވެ.

ޖޭއެސްސީން ބުނީ، ބ.ގޮއިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރުމާ ވިޔާފާރީގެ ގުޅުން އޮންނަފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ ނިޝާރު އެ ގަޒިއްޔާ ކުރިއަށް ގެންދިއުމާއި، އެ ގަޒިއްޔާ ކުރިއަށް ގެންދިއުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކުރާގޮތަށް އޭނާ އަމަލުކުރި ކަމަށެވެ. އަދި އަހުމަދު ނިޝާރު އަމިއްލަ ވިޔަފާރި ކޮށްގެން އާމްދަނީ ހޯދާ އިރު އެކަން އޭނާގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށް ބެލެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، މި މައްސަލަ ތަހުގީގު ކުރަން ނިންމާފައި ވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި މި އަހަރުގެ 100 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުންވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސލަަތައް ބަލަމުންދާނެ ކަމަށެވެ.