އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/001)، ދުނިޔޭގެ އެންމެ އިރުމަތި ބިތަށްވެސް ފެތުރިފައި ވާ ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިންތިހާ ހަލުވި މިނުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރިގެންދާ މި އާ ވޭރިއަންޓްގެ ކޭސްތައް ވިލާތުގެ ގައުމުތަކުގެ އިތުރުން ކެނެޑާއާއި ޖަޕާނުންވެސް މިހާރު ވަނީ ރިޕޯޓް ކޮށްފައެވެ.

ސްޕެއިން، ސުވިޒަލަންޑް، ސްވީޑަން އަދި ފްރާންސްއިން ވަނީ، އިނގިރޭސިވިލާތުން އެ ގައުމުތަކަށް އެތެރެވި މީހުންނާ ގުޅުން ހުރި އާ ވޭރިއަންޓްގެ ކޭސްތައް ރެކޯޑް ކޮށްފައެވެ. ކަން މިހެން އޮތް އިތުރު ކެނެޑާއިން ރިޕޯޓްކުރި 2 ކޭހަކީ ދަތުރު ކުރުމުގެ ރެކޯޑް ނެތް ބައެކެވެ. އަދި ނުރައްކާ ބޮޑު ކެންޓެކްޓެއްވެސް ނޫނެވެ.

އާ ވޭރިއަންޓްގެ އަސަރު ޖަޕާނުންވެސް ރިޕޯޓް ކޮށްފައި ވާއިރު، ހޯމަ ދުވަހުން ފަށައިގެން 1 މަސް ދުވަހުގެ މުއްދަތަށް، ބިދޭސީންނަށް ބޯޑަރު ބަންދު ކުރުމަށް ޖަޕާނުން ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތުން ޖަޕާނަށް އެތެރެވި 5 މީހެއްގެ ހަށިގަނޑުން އާ ވޭރިއަންޓްގެ އަސަރު ފެނިފައި ވާއިރު، ލޯކަލް ޓްރާންސްމިޝަން 2 ކޭހެއްވެސް ޖަޕާނުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް ބޯޑަރު ބަންދު ކުރި ގައުމުތަކުގެ އަދަދު 40 އަށް އަރައެވެ. މި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ސްރީލަންކާ، ޕާކިސްތާން އަދި އިންޑިއާވެސް ހިމެނެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި އާ ވޭރިއަންޓް އިނގިރޭސިވިލާތުން ފާހަގަ ވުމުގެ އެއް ސަބަބަކީ، އެ ގައުމުގެ ސާވޭލަންސް ސިސްޓަމް ވަރުގަދަ ވުން ކަމުގައި ވެދާނެއެވެ. އާ ވޭރިއަންޓް އެންމެ ފުރަތަމަ ފާހަގަވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އިންގްލަންޑްގެ ދެކުނުގެ ސަރަހައްދަކުންނެވެ. ނަމަވެސް، މި ވޭރިއަންޓްގެ ކޭސްތައް އިންތިހާއަށް އިތުރުވާން ފަށާފައި ވާކަމަށް ރެކޯޑް ކުރަން ފެށީ މި ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ދަނީ ވީޔޫއައި 202012/01 އާ ގުޅޭ ދިރާސާތައް ކުރަމުންނެވެ. މިކަމާ ބެހޭ ބޮޑު ތަފްސީލުތަކެއް އަދި ލިބިފައި ނެތެއްކަމަކު، ޑަބްލިއުއެޗްއޯއިން ވަނީ ފުރުސަތު އޮތް މިންވަރަކުން ސިވިއާއެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ނުބަތަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ ސީކުއަންސިންގް ހެދުމަށް އިރުޝާދު ދީފައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ މައުލޫމާތު ހިއްސާ ކުރަމުން ދިއުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. ވައިރަހަށް ބަދަލު އަންނަން ހިސާބުން އެ ކަން ދެނެގަނެވި، ބަދަލު އައި މަންޒިލުން އެ ބޭރު ނުވާ ގޮތަށް ކޮންޓްރޯލް ކުރުމަށްޓަކައި މިއީ އިންތިހާއަށް މުހިންމު ފިޔަވަޅެއް ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން މިހާތަނަށް ހެދި ސީކުއަންސިންގްއަށް ބަލާއިރު، މި ގައުމުގައި ފެތުރެނީ އެއް ބާވަތެއްގެ ސްޓްރެއިންއެއް ކަން، ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ ތަރުޖަމާނު، ޑރ ނަޒްލާ ރަފީގު ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރު ކޮށްދެއްވާފައެވެ.