ސަރުކާރުން ދޭ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދީފިއެވެ.

މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ސޯލިހް ދެއްވީ، ހަނދާނީ ފިލާއެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިރޭ ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ:

ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:

  • އަލްގާރީ މައުސޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
  • އައްޝައިހު ޝަރަފުއްދީން އަލީ، ފަލާހީ، ރ. އަލިފުށި
  • އަލްގާރީ އަބްދުﷲ އިމާދު، ގ. ޒަމާނީގުލްޝަން

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:

  • ޑރ ސައުދުﷲ އަލީ، އެއްގަމުގެ، ބ. ކެންދޫ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:

  • ޑރ އަޝްރަފް އަބްދުއްރަހީމް، ރޭނިގެ، ނ. ކުޑަފަރި

ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރި ކުރުމުގެ ރޮނގުން:

  • މުހައްމަދު ތާރިގު، ރަތްވިލާގެ، ނ. މަނަދޫ

ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށް ދިނުމުގެ ރޮނގުން:

  • ހަސަން މުހައްމަދު، މއ. މާވަރު

ސިއްހީ ދާއިރާއިން؛ އާންމު ސިއްހަތު ކުރިއެރުވުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:

  • ޑރ ޖުމޭލާ ބޭގަމް، ގ. ނިލަންދޫ
  • ޑރ މުހައްމަދު ސޯލިހް، ކުއްޅަވައްގެ، ސ. ހުޅުދޫ
  • ޑރ މުހައްމަދު ޝާފިއު، މ. ޕޯލްސްޓާ

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި، ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:

  • މައީދު މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:

  • ސައުދުﷲ ހިލްމީ، ފަތިސް، ގދ. ތިނަދޫ
  • މުހައްމަދު މާޒިން، ވ. ނޯޗާންސް

ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ފެހުމާއި ޖަރީކުރުމުގެ ރޮނގުން:

  • ހަސަން ހުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ

ހެއާ އެންޑް ބިއުޓީގެ ދާއިރާއިން؛ މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން:

  • ޝީޒާ އިމާދު، މ. ވޭލްޝާރކް

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން:

  • އަލީ ސަމްއާން، ފެހިވިލާގެ، ހއ. ކެލާ

ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން:

  • އަލީ ޚުޝްރުވާން އަހްމަދު، ހ. މާކަރީހައުސް
  • އަބްދުﷲ އަރީފް، ނެދުންގެ، ރ. ރަސްމާދޫ
  • އިބްރާހީމް ހުސައިން، ގ. އޮއިވާލި
  • ޝުޖާއު ސަލީމް، ހ. ރުމޭނިޔާ

ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:

  • ޔޫސުފް އަސީމް، ހ. ފެއަރީޕެލަސް

ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން:

  • އަލީ ނިޝާން، ގ. ކޫލްގްރާސް

ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން:

  • ހުސައިން އިހްފާލް އަހްމަދު، ހ. ފްލޭޝް

ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން:

  • އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާ ތަކުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގޯގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.