ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދީފިއެވެ.

މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ސޯލިހް ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މީހުންނެވެ.

މިރޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ:

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:

  • މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު)، މއ. ކޮޕީގެ
  • އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް
  • އަލްމަރްހޫމް މުހައްމަދު ވަހީދުގެ ހަނދާނަށް
  • އިބްރާހީމް ވަހީދު، ގ. ކަލާވެހި

ސިއްހީ ދާއިރާއިން:

  • ޑރ ނާއިލާ އިބްރާހީމް މުހައްމަދުދީދީ، ގ. ފެއިތު

މަސްވެރިކަމުގެ ދާއިރާއިން:

  • އަދުނާން އަލީ، ގ. އާސަމް

ފަތުރުވެރިކަމުގެ ދާއިރާއިން:

  • އަހްމަދު ސަލީމް، ހ. ގަދަމޫ

ދަނޑުވެރިކަމުގެ ދާއިރާއިން:

  • މުހައްމަދު ވަހީދު، އައްސޭރި، ށ. މަރޮށި

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން:

  • މަރްޔަމް ވަހީދާ، ހ. ދުނި

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:

  • މުއުމިނާ އިބްރާހީމް، ހ. ނޫމާގެ

ކުޅިވަރުގެ ދާއިރާއިން:

  • މުހައްމަދު ސައީދު، ކުދިމާ، ގދ. ތިނަދޫ
  • ހުސައިން ރަޝީދު ހަސަން، ގ. ހުދުރުވާގެ
  • އަހްމަދު ލަތީފް، ހ. ސީވީޑް

ވިޒުއަލް އާޓްސްގެ ދާއިރާއިން:

  • މުހައްމަދު މަނިކު، ހ. ވަވޮއި

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާ ތަކުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގޯގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.