ތިލަފުށީ ފަޅުގައި އޮތް ދެ އުޅަނދެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖިއެމްއެޗުގެ މީޑިއާ އޮޕިޝަން ވިދާޅުވީ އިއްޔެ އެ ހޮސްޕިޓަލަށް ގެނައި ދެ މީހުންގެ ތެރެއިން ދިވެހި މީހާ އަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށެވެ.

އެގޮތުން އެމީހާ ވަނީ 20 ޕަސަންޓު ފިހިފައި ކަމަށް އައިޖިއެމްއެޗުގެ މީޑިއާ އޮޕިޝަން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިއްޔެ ގަނައި ދެ ވަނަ މީހާ (ބިދޭސީ މީހާ) މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ދޯންޏާ ކައިރީގައި އިތުރު ދޯންޏެއް އޮތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެދޯނީގައިވެސް ރޯވެ ވަނީ އަނދާފައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 04:39 ހާއިރު ކަމަށެވެ. އަލިފާން ރޯވީ ފަޅުގައި އޮތް ދޯންޏެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަދި އިއްޔެ ހަވީރު 05:30 ގައި ދެ ދޯނިގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.