އިލެކްޝަންސް ކޮމިޝަނުން އަންނަ މާޗް މަހު ބޭއްވުމަށް މަސައްކަތް ކުރަމުން ދާ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބް ނުބޭއްވޭނެ ކަމަށް މިއަދު މީޑިއާތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހުގެ 6 ނުވަތަ 13 ގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަދި މާޗްގައި ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކަމަކަމަށް އިންތިހާބު ނުބޭއްވޭނެ ކަމަށް އަޅުގަނޑުމެން އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުދަންނަވަން އެއްވެސް ތަނެއްގަ، އެއީ އެ ބޭފުޅުންގެ އަމިއްލަ ސްޓޭޓްމެންޓެއް، އެހެންވީމަ އަދިވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާޗްގަ އިންތިހާބު ނުބޭއްވޭނެ ކަމަކަށް
ޝަރީފް

މީގެ އިތުރުން ޝަރީފު ވިދާޅުވީ، މާޗް 6 ގައި އިންތިހާބު ބޭއްވުމަށް ހުރިހާ ތައްޔާރީތައްވުމަށްފަހު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮން އިރަކުތޯ ބެލުމަށް އެޗްޕީއޭއާއެކު މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މީގަ އަޅުގަނޑުމެން ދަންނަވާ އެއްޗެއް އެބަ އޮވޭ، އެޗްޕީއޭގެ ފަރާތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އެންގީމަ ނޫނީ އިންތިހާބު ނުއެއް ބޭއްވޭނެ، ގަނޫނުގަ ބުނެފަ އިންނަނީ އިސީއަށް އިހުތިޔާރު ލިބިގެން ނުވާ ކަމަށް، މިވެނި ތާރީހެއްގަ ބާއްވާނަމޭ ކިޔާފަ އިއުލާން ކުރާކަށް، މި ބުނަނީ އަދި އުލާނެއް ނުކުރަމޭ، އެކަމަކު ތައްޔާރީތައް ވަމުންނޭ މި ދަނީ
ޝަރީފް

މި ދިޔަ އެޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު ބާއްވަން ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.

މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.