ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކާ ހަނގުރާމަ ކުރަމުން އަންނަ އިނގިރޭސިވިލާތުގައި، ދެކުނު އެފްރިކާއިން ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ސްޓްރެއިންވެސް އެބަ އުޅޭ ކަމަށް، އިނގިރޭސި ސިއްހަތާ ބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.
ހެންކޮކް ވިދާޅުވީ ފާއިތުވީ 2 ހަފުތާ ތެރޭގައި ދެކުނު އެފްރިކާއަށް ދަތުރުކޮށްފައި ވާ މީހުންނާއި، ދެކުނު އެފްރިކާގައި ހުރި އެއްވެސް މީހަކާ ބައްދަލުވެފައި ވާ މީހަކު ހުރި ނަމަ ވަގުތުން ވަގުތަށް ކަރަންޓީނަށް ދާންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، މިދިޔަ 2 ހަފުތާ ތެރޭގައި ދެކުނު އެފްރިކާއިން އިނގިރޭސިވިލާތަށް ދަތުރު ކުރި މީހަކު ހުރި ނަމަ، ވަގުތުން ވަގުތަށް އައިސޮލޭޝަނަށް ދާންޖެހޭ ކަމަށްވެސް ހެންކޮކް ވަނީ ވިދާޅުވެފައެވެ.
ދެކުނު އެފްރިކާއިން ރިޕޯޓްކުރި އާ ސްޓްރެއިންގެ އަސަރު އެހެން 2 ގައުމަކުންވެސް ފެނިފައި ވާއިރު، ހެންކޮކް ވިދާޅުވީ، މި އާ ބަދަލަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ބަދަލެއް ކަމަށެވެ.
ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅޭ ގޮތުން ހެންކޮކް ވިދާޅުވީ، އާ ވޭރިއަންޓާ ގުޅޭ ކޭސްތައް، އީސްޓް އެންގްލިއާ ސަރަހައްދުގައި ރެކޯޑް އަދަދަކަށް އިތުރު ވަމުން އަންނަ ކަމަށެވެ. މިއާއެކު ބައެއް ސަރަހައްދުތަކުގައި ލޮކްޑައުންގެ އެންމެ ހަރުކަށި ދަރަޖައިގެ އަމުރު ވަނީ އިއުލާން ކޮށްފައެވެ.
އާ ވޭރިއަންޓް (ވީޔޫއައި 202012/01) އާ ގުޅިގެން ގިނަ ގައުމުތަކަކުން މިހާރު ވަނީ އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް ހުއްޓާލާފައެވެ. މި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ، ޕާކިސްތާން އަދި އިންޑިއާ ހިމެނެއެވެ. ސައުދީ އަރަބިއްޔާއިންވެސް ވަނީ އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މަޑުޖައްސާ، ވަގުތީ ގޮތުން އުމްރާގެ އަޅުކަމުގެ ދަތުރުތައްވެސް ސަސްޕެންޑް ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އާ ވޭރިއަންޓާ ގުޅޭ ކަންކަން ދިރާސާ ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. ބުނެވޭ ގޮތުގައި އާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަވާ ވައިރަހެކެވެ.
ވެކްސިން އުފައްދާ ކުންފުނިތަކުން ދަނީ، ކޮވިޑް-19އަށް ހާއްސަކޮށްގެން ތަރައްގީ ކުރި ވެކްސިންތަކަކީ، އާ ވޭރިއަންޓުން ދިފާއު ކޮށްދޭނެ ވެކްސިނެއް ތޯ ބެލުމުގެ ތަހުލީލުތައްވެސް ކުރަމުންނެވެ.
ދެކުނު އެފްރިކާއިން ފެނުނު އާ ސްޓްރެއިންއާ، އިނގިރޭސިވިލާތުގައި ފެތުރެމުންދާ އާ ވޭރިއަންޓުގައި ބޮޑެތި ފަރަގުތަކެއް ހުރިކަމަށް، އިންފެކްޝަސް ޑިޒީޒަސް އެކްސްޕާޓް، ޑރ ސޫޒަން ހޮޕްކިންސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް 2 ބާވަތަކީވެސް އެހެން ބާވަތްތަކާ ހިލާފު ހަލުވި މިނެއްގައި ގައިން ގައަށް ފެތުރޭ ބާވަތްތަކެއް ކަންވެސް ޑރ ހޮޕްކިންސް ވަނީ ފާހަގަ ކުރައްވާފައެވެ.