ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިއަދު ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި ހިނގާ ޑިސެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ނުވަވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި ހިނގާ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުން:

މި ގާނޫނުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާކެޓް ފުޅާކުރުމަށްޓަކައި، މާކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް އެ ފަދަ އައު ވަސީލަތްތަކަކީ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ކަމެއް ކަމުގައި ފެންނަ ހާލަތުގައި އެ ފަދަ ކަންކަން މާރކޓަށް ތައާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

ހަމައެއާއެކު ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބަލަން ޖެހެއެވެ. އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އެ ކަންކަމާ މެދު އާންމުން އަހުލުވެރިކުރުވުން ވެސް އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް ހިއްސާގެ ބާޒާރެއް ގާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ގާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އަދި މި ގާނޫނުގައި ސްޓޮކް އެކްސްޗޭންޖް ގާއިމްކޮށް ހިންގަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައީސް މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން، މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ތަސްދީގުކުރެއްވުން:

މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައި ވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުން ކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދަން ވާނީ މި ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ކަމުގައި ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން މި އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު އެ މާއްދާތަކާ ތައާރުލުވާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން މި ގާނޫނާއި މި ގާނޫނުގެ މަގްސަދުތަކާއި ތައާރުލުވާ ގާނޫނުތައް ފާހަގަކޮށް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހް ތަސްދީގުކުރެއްވުމާއެކު އެ ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.