ރާއްޖެ އެތެރެކުރާ އަދި ބޭރުކުރާ ފައިސާ، 10،000 އެމެރިކާ ޑޮލަރު ނުވަތަ 10،000 އެމެރިކާ ޑޮލަރަށް ވާ ފައިސާ، މަތިވާނަމަ ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ ގޮތަށް އިސްލާހު ކޮށްފިއެވެ.

ކަސްޓަމްސް އިން އެ ގަވާއިދަށް ގެނައި އިސްލާހުގައި، ބުނީ ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭ ފައިސާގެ އަދަދު 10،000 ޑޮލަރު ނުވަތަ އެއަށް ވުރެ މަތީ އަދަދެއްގެ ޑޮލަރު، ނުވަތަ އެ އަދަދާއި އެ އަދަދަށް ވުރެ މަތީ އަދަދަކަށް ވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަމަށެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް ކަސްޓަމުން ބުނެއެވެ.

މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ބުނެފައި ވަނީ، ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، ކަސްޓަމަސް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ 30،000 ޑޮލަރަށް ވުރެ އިތުރުވާނަމަ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފައެވެ.