ނިމިގެން މިދާ 2020 ވަނަ އަހަރަކީ ކަލަންޑަރުގައި އޮތެއް ކަމަކު ހަޔާތަށް ނާންނަ އަހަރެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓުމަކަށް ގެނައީ، ހަމަ ލޮލަށްވެސް ނުފެންނަ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް ޑިޒީޒް 2 (ސާސްކޮވް-2) ނަމަކަށް ކިއާ ކުޑަކުޑަ މަހުލޫގެއްގެ ސަބަބުންނެވެ. އެތައް މޭލަކަށް ދެމިގެންދިޔަ ރާސްތާ، ފޫޓެއްހާ މިނަށް ކައިރި ކޮށް ދެމުން ދިޔަ ހަލުވި ދުވެލީގެ ސަވާރީ ނުވަތަ ފްލައިޓްތައް ގްރައުންޑްކޮށް، ހުރިހާ ނަސްލެއްގެ މީހުން އެއްތަން ކުރުވި ވައިގެ ބަނދަރުތައް ފަޅުކޮށްލިއެވެ. އެމީހެއްގެ ގޭގައި އެމީހަކު ބަންދު ކޮށްލިއެވެ.
ފުރަބަންދުގެ ހިތި ހަނދާންތަކަށް ހިސާބެއްގެ ލުޔެއް ލިބުނީ، ސާސްކޮވް-2އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާނެ ވެކްސިންތަކެއް ކާމިޔާބުވެ، ކުރިއަރާ، ތަހުޒީބު ވެފައިވާ ބޮޑެތި ގައުމުތަކުގައި އާންމު އުސޫލުން އެ ވެކްސިން ދޭން ފެށި ހަބަރާއެކުގައެވެ. ފަހުގެ ތާރީހު ނުދެކޭ ހަލުވި ދުވެލީގައި ވެކްސިން އުފައްދާ، ބޭނުން ކުރަން ފެށީ، އިލްމީ ގޮތުން އެންމެ ފުންނާބު އުސް ސައެންސްވެރިންވެސް އާޝޯހު ކުރުވަމުންނެވެ.
ވެކްސިން ގެނެސްދިން އީދުގައި މާ ގިނަ ދުވަހެއް ފާއިތު ވާ ގޮތެއް ނުވިއެވެ. ވެކްސިން ރޭހުގައި އެންމެ ކުރި ހޯދާ، އާންމު އުސޫލުން ވެކްސިން ދޭން ފެށި ފުރަތަމަ ގައުމުގެ ރެކޯޑް ކަށަވަރު ކުރި އިނގިރޭސިވިލާތުން ޖަހަން ފެށި އިންޒާރުގެ ރަނގަބީލާ އެކުގައެވެ. ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުންދާ ހަބަރާއެކު މުޅި ދުނިޔެ އެލާޓަށް އައި ފަދައެވެ.
ކޮވިޑް-19 ދަސްކޮށްދިން ފިލާވަޅުން އިބުރަތް ހާސިލު ކުރަމުން، އާ ވޭރިއަންޓްގެ އިންޒާރާއެކު އިނގިރޭސިވިލާތަށް އަދި އިނގިރޭސިވިލާތުން އެ ގައުމުތަކަށް ކުރާ ދަތުރުފަތުރު ހުއްޓާލި ގައުމުތަކުގެ އަދަދު 40 އަށްވުރެ މައްޗަށް އަރައެވެ. މި ލިސްޓުގައި ވިލާތުގެ ގައުމުތަކުގެ އިތުރުން، ސައުދީ އަރަބިއްޔާ ހިމެނެއެވެ. ސައުދީއިން ވަނީ އުމްރާގެ އަޅުކަމަށް ކުރާ ދަތުރުތައްވެސް މަޑުޖައްސާލާފައެވެ.
އިނގިރޭސިވިލާތާ ގުޅޭ ދަތުރު ފަތުރުގެ ހިދުމަތް މެދުކަނޑާލި ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ގައުމުތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ އެންމެ ގާތް އެކުވެރި، އަވަށްޓެރިޔާގެ ގޮތުގައި އޮތް އިންޑިއާ ހިމެނެއެވެ. އިންޑިއާއިން ވަނީ ޑިސެމްބަރު 31 ގެ ނިޔަލަށް މި ދަތުރުތައް މެދުކަނޑާލާފައެވެ.
ޕާކިސްތާނުން ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ.
މިހާ ހިސާބަށް އާދެވުނުއިރުވެސް އުފެދެމުން ދިޔަ ސުވާލަކީ ރާއްޖެއިން މިފަދަ ފިޔަވަޅެއް ތަންފީޒު ކުރާނެތޯ ކުރެވޭ ސުވާލެވެ. ނުވަތަ ތަންފީޒު ކުރާނީ ކޮން އިރަކުން ތޯ ކުރެވޭ ސުވާލެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ދަތުރު ކުރާ މިސްރާބު ޗާޓު ކުރަމުން ދަނީ ސިއްހީ ދާއިރާގެ ކަމުވޮށިގެންވާ ތަޖުރިބާކާރުން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އަދުގެ ދުނިޔޭގެ އާ އާންމު ހާލަތު ގުޅިފައި އޮތީ ސިއްހަތާ ކަމަށް ވާއިރު، މިކަން ވާނީވެސް މިހެންނެވެ. ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާއި، އެތެރޭގެ ހެލިފެލިވުމުގެ އުސޫލުތަކުގައި، ސިއްހަތަށް އެންމެ ރައްކާތެރި ގޮތް ބަޔާން ކޮށް، އުސޫލު ކަނޑައެޅުމާއި، މިފަދަ ކަންކަން ނިންމުމަށް ސިއްހީ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް އޮވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހި ދޫތަކަށް އެންމެ ފަރިތަވި އެއް ނަމަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެޗްޕީއޭއިން ބާއްވަމުން އަންނަ، ނޫސްވެރިންގެ ސިލްސިލާ ބާއްދަލުވުން ތަކުގެ އާދީއްތަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި، އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓް، އެ އިދާރާގެ ރާޑަރަށް އަރާފައި ވާކަން ހާމަ ކޮށްދިނެވެ. އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ހާމަކުރިއެވެ.
އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މަޑުޖައްސާލުމަކީ، ރާއްޖެ ފަދަ ގައުމަކަށް މާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އިނގިރޭސިވިލާތަކީ، ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ މި ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހު އެކަނިވެސް އިނގިރޭސިވިލާތުން 6348 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައި ވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ނަން ހިނގާ 2 އެއާލައިނަކުން މިހާރުވެސް ދަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. އެގޮތުން ބްރިޓިޝް އެއާވޭޒް އިން ދަނީ ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރު ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. ސްރީލަންކައިން ދަނީ ހަފުތާއަކީ 2 ފްލައިޓް އަޅަމުންނެވެ.
އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މަޑުޖައްސާލުމުގައި ކަމާ ބެހޭ ފަރާތްތަކުން ބަރޯސާވަނީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ނޫން ކަމުގައި ދަންނަވަން ޖެހެއެވެ. ގިނަ އަދަދެއްގެ ގައުމުތަކުން، ބައިނަލްއަގުވާމީ ދަތުރުވެރިން އެންމެ ގިނަވާ ދުވަސްވަރު މިފަދަ ފިޔަވަޅެއް އަޅާނީ އެކަމުގައި ކޮންމެވެސް ހުއްޖަތެއް އޮތީމައެވެ.
ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން މި މަހު ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށް، އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ.
ހެންކޮކް އަކީ، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި އޮފިޝަލް ވެސް މެއެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުންގެ ހަރުކަށި އަމުރު އިއުލާން ކުރައްވާފައެވެ. މި އަމުރު ދިފާއު ކުރައްވަމުން ހެންކޮކް ވިދާޅުވީ، ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށެވެ.
ގޭގައި ތިބުމަށް ނެރުނު އަމުރު ދިފާއު ކުރައްވަމުން ހެންކޮކް ވިދާޅުވީ އެއީ ރަނގަޅަކަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އަދިވެސް، ވައިރަސް ފެތުރެމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށާ، މި ވައިރަސް ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ހެންކޮކް ވިދާޅުވިއެވެ. މަސްރަހު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ލީޑަރުންނާއި ސައެންސްވެރިން ވިދާޅުވަމުން ދާއިރު، ހެންކޮކް ވަނީ، ހާލަތު ވަރަށް ސީރިއަސް ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އާ ވޭރިއަންޓްގެ ކޭސްތައް ޑެންމާކް، ނެދަލަންޑްސް އަދި އޮސްޓްރޭލިއާއިން ފެނިފައިވާކަން ހާމަ ކޮށްފައެވެ.
އިބްތިދާއީ ހޯދުންތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ އާ ވޭރިއަންޓަކީ މާ ހަލުވި މިނެއްގައި ފެތުރޭ ކޮރޯނާވައިރަހެއް ކަމަށާ، މިއީ ބައެއް ޓެސްޓުތަކަށްވެސް އަސަރު ފޯރުވަނިވި ވޭރިއަންޓެއް ކަމަށެވެ.
އިނގިރޭސިވިލާތުގައި، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން ދާއިރު، އެކަމާ ގުޅިގެން، އިނގިރޭސިވިލާތާ "ގާތް ގުޅުމެއް" ބާއްވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތަކަށެވެ.
އާ ވެރިއަންޓްގެ މައުލޫމާތު، އިނގިރޭސިވިލާތުން ހިއްސާ ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި މިކަމާ ބެހޭ އާ މައުލޫމާތު އެނގޭ ވަރަކުން، ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާ މިކަން ހިއްސާ ކުރަމުން ދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
މިވަރުން އަދި ކަންބޮޑުވުންތަކަށް ނިމުނެއް ނާދެއެވެ. ކޮވިޑް-19ގެ ޗާޓުގައި ރާއްޖެއިން ޖަހަމުން އައި ފާހަގަ، ދަށަށް ދާން ފެށުމާއެކު އެޗްޕީއޭއިން ލުއިތަކެއް ދިންތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެގޮތުން، ފާހަގަ ކުރަން ޖެހޭ އެއް ލުޔަކީ، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް، އުސޫލަށް ބަދަލު ގެނައި ކަމެވެ. އިނގިރޭސިވިލާތުން ފެންމަތިވި އާ ވޭރިއަންޓަށް ހުށަހެޅިފައިވާ ގައުމުތަކަށް ޒިޔާރަތް ކުރި މީހުންވެސް އެ ރިސޯޓްތަކުގައި ތިބުމުގެ ފުރުސަތު އިންތިހާއެވެ. ހިތާމައަކީ، ރިސޯޓު ދަތުރަށް ފަހު، މާލޭ ސަރަހައްދަށް އެނބުރި އައިސް ކަރަންޓީނުވާންވެސް ނުޖެހޭ ދަރަޖައަށް ލުއި ދީފައި އޮތުމެވެ.
ތަންކޮޅެއް ދުރަށް ޖެހިލާނަމަވެ. ވީޔޫއައި 202012/01 ފެތުރެމުންދާ އެއްވެސް ގައުމަކުން، ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް ފަހު ސައުދީއަށް އެތެރެ ވެފައި ވާނަމަ، 2 ހަފުތާގެ މުއްދަތަކަށް އެމީހަކު ކަރަންޓީނުވެ، ކޮންމެ 5 ދުވަހަކުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސައުދީއިން ވަނީ ލާޒިމު ކޮށްފައެވެ. އަދި ފާއިތުވީ 3 މަހު މިއިން ގައުމަކުން ޓްރާންސިޓް ކޮށްފައިވާ މީހުންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ސައުދީއިން ވަނީ އަންގާފައެވެ.
އިނގިރޭސިވިލާތުގެ ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ސައެންސްވެރިންވެސް ވިދާޅުވެފައި ވާއިރު، މި ބާވަތުގެ އިންފެކްޝަސް ރޭޓު އުޅެނީ 70 ޕަސެންޓްގައި ކަމަށް ވެސް އެ ގައުމުން ވަނީ ހާމަ ކޮށްފައެވެ.
މި ވޭރިއަންޓްގެ ނުރައްކާ ދަރަޖަ ހުރި މިންވަރު އަދި ވަޒަން ކުރެވިފައެއް ނެތެވެ.
ކޮވިޑް-19ގެ ބަލިމަޑުކަންވެސް އިނގިރޭސިވިލާތުގައި ފެތުރެމުން ދަނީ އިންތިހާއަށެވެ. އާދީއްތަ ދުވަހު އެކަނިވެސް 35928 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ފާއިތުވީ 7 ދުވަހު ރެކޯޑް އަދަދުތަކުގެ ގާތްގަނޑަކަށް 2 ގުނަ އިތުރު އަދަދެކެވެ. ކޮވިޑް-19އަށް ޕޮޒިޓިވް ވިތާ މަހެއް ނުވަނީސް މި ދުނިޔެއާ ވަކިވި މީހުންގެ އަދަދު 326 އަށް އަރާފައި ވާކަން ފާހަގަ ކުރަން ޖެހެއެވެ.
އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ މުޅި ދުނިޔެއަށް އާންމު ސްޓްރެއިން އަކަށް ވެދާނެ ކަމުގެ އިންޒާރު، އިނގިރޭސި ސަރުކާރަށް ލަފާ އަރުވާ ސައެންޓިސްޓެއް ކަމަށްވާ ޕްރޮފެސާ ކޭލަމް ސެމްޕްލް ވަނީ ދެއްވާފައެވެ. ސައެންޓިފިކް އެޑްވައިޒަރީ ގްރޫޕު ފޮ އެމާޖެންސީސް (ސޭޖް)ގެ މެމްބަރު ޕްރޮފެސާ ސެމްޕްލް ވިދާޅުވީ، އާ ވޭރިއަންޓް ފެތުރެމުން ދަނީ، މީގެ ކުރީގެ ވޭރިއަންޓް ފެތުރެމުން ދިޔަ ދުވެއްޔަށް ވުރެ ހަލުވި މިނެއްގައި ކަމަށެވެ.
މިހާ ހަލުވި މިނެއްގައި ފެތުރެމުން އަންނަ، ގޮތް ނޭނގޭ ވޭރިއަންޓަކަށް އިންތިހާއަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން މިކަމުގައި ނިންމި ގޮތެއް އަދިވެސް ހާމަ ކޮށްފައެއް ނުވެއެވެ. ކުރަން ޖެހެނީ އުއްމީދެކެވެ. ކޮވިޑް-19 އިން އިބުރަތް ހާސިލު ކުރާނެ ކަމަށް ކުރެވޭ އުއްމީދެވެ. ވިޔަފާރިއާއި އިގުތިސޯދީ ނަޒަރިއްޔާގެ މަސްލަހަތުގެ މައްޗަށް، އިންސާނީ ކަރާމާތާ ހައްގުތައް އިސްކުރާނެ ކަމަށް ކުރެވޭ އުއްމީދެކެވެ. އަހުވަންތަ އިންޑިއާއިންވެސް އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މަޑުޖައްސާލި އިރު، މި ލިސްޓަށް ދެން އަރާނީ ރާއްޖެތޯ އަދިވެސް ކުރެވެން އޮތީ ހަމަ ސުވާލެކެވެ!
އިންސާނީ ކަރާމާތަށް ވުރެ ލާރި ބޭނުންވޭ ވިއްޔާ. ވާނެ ހައެތި ވަންދެން ތިބޭނެ. ޑޮލަރު އަންނާނީ ތި ވޭރިއަންޓާއެކު އެހެންވީމާ އިނގިރޭސި ވިލާތުން އަންނަ އެއްޗެއްވެސް އެހެން އެއްޗެއްވެސް ހުއްޓާލެވޭކަށް ނޯންނާނެ. ޖެހޭއެއްޗެއް ޖެހޭނެ، މަރުވާ މީހަކު މަރުވާނެ. އަހަރުމެންގެ ހާލަތުމީ ކީއްކުރާނީ
އަޅުގަނޑު ދެކޭ ގޮތުގައި އިނގިރޭސި ވިލާތަކީ ފުރިހަމަ ޑިމޮކްރަސީއެއް އޮތް ބަޔަކަށް ވުމުގެ ސަބަބުން އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ބަޔެއް. ޥުމާއެކު އެމީހުންގެ ހަށިގަނޑުގައި ރިއްސަންޏާ އަޅުގަނޑުމެންގެ ހަށިގަނޑުގައިވެސް ރިއްސަން ޖެހޭނެ. އެނެންވީމާ ކޮވިޑްގެ އާވައްތަރުވެސް ޖަރީމާއަކުން ރާއްޖެއިން ފެންނަން ޖެހޭނެ. ޢެއީ މައްސަލަޔެއްނޫން