ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން މި މަހު ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން ދާ ހަބަރާއެކު އިނގިރޭސި ފައިސާ (ސްޓާލިންގް ޕައުންޑް)ގެ އަގު ދަށަށް ހިނގައްޖެއެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިނގިރޭސި ފައިސާގެ އަގު، 2 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް، ސްޕެކްޓޭޓާ އިންޑެކްސްއިންވަނީ ރިޕޯޓްކޮށްފައެވެ.

ފައިސާ ގަނެވިއްކުމުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު ސްޓާލިންގް ޕައުންޑަކަށް މިހާރު ޖެހެނީ 1.33 ޑޮލަރެވެ. ވިލާތު ފައިސާ ނުވަތަ ޔޫރޯ އަށް ބަލާއިރު، ސްޓާލިންގް ޕައުންޑަކަށް މިހާރު ޖެހެނީ 1.09 ޔޫރޯއެވެ. މިއީ 1 ޕަސެންޓްގެ ވެއްޓުމެކެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެފައި ވާއިރު، އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް ސައެންޓިސްޓް ޕްރޮފެސާ އެންޑްރޫ ހޭވާޑް ވަނީ، އާ ސްޓްރެއިން އާ މެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އާ ވޭރިއަންޓާ ގުޅިގެން މިހާތަނަށް 30 ގައުމަކުން ވަނީ އިނގިރޭސިވިލާތާ ގުޅުން ހުރި ދަތުރުތައް މެދުކަނޑާލާފައެވެ. މިކަމުގެ ސީދާ އަސަރު، އިނގިރޭސިވިލާތުގެ ކާބޯތަކެތީ ބާޒާރަށްވެސް ކުރާނެ ކަން އެ ގައުމުން ވަނީ އިންޒާރު ކޮށްފައެވެ.

އިންޑިއާއިންވެސް ވަނީ އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މެދުކަނޑާލާފައެވެ.

އިނގިރޭސިވިލާތުގައި، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުންދާއިރު، އެކަމާ ގުޅިގެން، އިނގިރޭސިވިލާތާ "ގާތް ގުޅުމެއް" ބާއްވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތަކަށެވެ.

އިނގިރޭސިވިލާތުގެ ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ސައެންސްވެރިންވެސް ވިދާޅުވެފައިވާއިރު، މި ބާވަތުގެ އިންފެކްޝަސް ރޭޓު އުޅެނީ 70 ޕަސެންޓްގައި ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އާ ވެރިއަންޓްގެ މައުލޫމާތު، އިނގިރޭސިވިލާތުން ހިއްސާ ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި މިކަމާ ބެހޭ އާ މައުލޫމާތު އެނގޭ ވަރަކުން، ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާ މިކަން ހިއްސާ ކުރަމުންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.