ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ވާ އާ ސަފީރު، މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
އާ ސަފީރާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް ފޯރުކޮށް ދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ، ވަކިން ހާއްސަކޮށް ގެދޮރުވެރި ކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މި އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އެމަނިކުފާނު އަލިއަޅުއްވައި ލެއްވިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލުމަށްފަހު ހައްޖާއި އުމްރާވުމުގެ ފުރުސަތު ސައުދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސް ސޯލިހް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ މަސްރަހުގައި، ވަކިން ހާއްސަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި ސައުދީން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ވެސް ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައި ލައްވަމުން ރައީސް ސޯލިހް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. މީގެ އިތުރުން ރައީސް ސޯލިހާއި ސައުދީ ސަފީރުގެ މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރައްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ އާ ސަފީރަށް ރައީސް ސޯލިހް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.