ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން މި މަހު ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށް، އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

ހެންކޮކްއަކީ، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި އޮފިޝަލުވެސްމެއެވެ. ކަން މިހެން އޮތްއިރު، ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުންގެ ހަރުކަށި އަމުރު އިއުލާން ކުރައްވާފައެވެ. މި އަމުރު ދިފާއު ކުރައްވަމުން ހެންކޮކް ވިދާޅުވީ، ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށެވެ.

ގޭގައި ތިބުމަށް ނެރުނު އަމުރު ދިފާއު ކުރައްވަމުން ހެންކޮކް ވިދާޅުވީ އެއީ ރަނގަޅަކަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އަދިވެސް، ވައިރަސް ފެތުރެމުން ދަނީ ކޮންޓްރޯލެއް ނެތި ކަމަށާ، މި ވައިރަސް ކޮންޓްރޯލް ކުރަންޖެހޭ ކަމަށެވެ. މަސްރަހު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ލީޑަރުންނާއި ސައެންސްވެރިން ވިދާޅުވަމުން ދާއިރު، ހެންކޮކް ވަނީ، ހާލަތު ވަރަށް ސީރިއަސް ކަމަށް ވިދާޅުވެފައެވެ.

އާ ވޭރިއަންޓްއާއެކު ގިނަ ގައުމުތަކަކުން މިހާރު ވަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތަކާ، އިނގިރޭސިވިލާތުން އެ ގައުމުތަކަށް ކުރާ ދަތުރުތައް މަޑުޖައްސާލާފައެވެ. ސައުދީ އަރަބިއްޔާއިން ވަނީ ޢުމްރާ ދަތުރުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އާ ވޭރިއަންޓްގެ ކޭސްތައް ޑެންމާކް، ނެދަލަންޑްސް އަދި އޮސްޓްރޭލިއާއިން ފެނިފައިވާކަން ހާމަކޮށްފައެވެ. އިބްތިދާއީ ހޯދުންތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ އާ ވޭރިއަންޓަކީ މާ ހަލުވި މިނެއްގައި ފެތުރޭ ކޮރޯނާވައިރަހެއް ކަމަށާ، މިއީ ބައެއް ޓެސްޓުތަކަށްވެސް އަސަރު ފޯރުވަނިވި ވޭރިއަންޓެއް ކަމަށެވެ.

އިނގިރޭސިވިލާތުގައި، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުންދާއިރު، އެކަމާ ގުޅިގެން، އިނގިރޭސިވިލާތާ "ގާތް ގުޅުމެއް" ބާއްވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތަކަށެވެ.

އިނގިރޭސިވިލާތުގެ ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ސައެންސްވެރިންވެސް ވިދާޅުވެފައިވާއިރު، މި ބާވަތުގެ އިންފެކްޝަސް ރޭޓު އުޅެނީ 70 ޕަސެންޓްގައި ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އާ ވެރިއަންޓްގެ މައުލޫމާތު، އިނގިރޭސިވިލާތުން ހިއްސާ ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި މިކަމާ ބެހޭ އާ މައުލޫމާތު އެނގޭ ވަރަކުން، ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާ މިކަން ހިއްސާ ކުރަމުންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.