ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ބައިނަލްއަގުވާމީ މަސްރަހުގައި ބަދަލުވަމުން އަންނަ ގޮތަށް ބަލާ، ސައުދީ އަރަބިއްޔާއިން ބައިނަލްއަގުވާމީ ދަތުރުތައް މަޑުޖައްސާލައިފިއެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމުގެ އިންޒާރުގެ ރަނގަބީލާއެކު ސައުދީ އަރަބިއްޔާއިން ވަނީ އެއްގަމާއި، ކަނޑާއި ވައިގެ މަގުން ސައުދީއަށް ވަދެގެން އޮތް ދޮރުތައް، ހަފުތާއެއްގެ މުއްދަތަށް ބަންދު ކޮށްފައެވެ. މިއާއެކު އުމްރާ ދަތުރުތައް އަނެއްކާވެސް މިވަނީ މަޑުޖެހުމަކަށް އައިސްފައެވެ.

ސައުދީއަށް އެތެރެވެވެން އޮތް މަގުތައް ބަންދުކުރީ އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓްގެ އަސަރު، ވިލާތުގެ އެހެން ގައުމުތަކުންވެސް ފެންނަމުން ދާތީ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ފިޔަވަޅު އެޅީ، ސިއްހަތާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އާ ވޭރިއަންޓްގެ ކޭސްތައް ޑެންމާކް، ނެދަލަންޑްސް އަދި އޮސްޓްރޭލިއާއިން ފެނިފައިވާކަން ހާމަކޮށްފައެވެ. އިބްތިދާއީ ހޯދުންތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ އާ ވޭރިއަންޓަކީ މާ ހަލުވި މިނެއްގައި ފެތުރޭ ކޮރޯނާވައިރަހެއް ކަމަށާ، މިއީ ބައެއް ޓެސްޓުތަކަށްވެސް އަސަރު ފޯރުވަނިވި ވޭރިއަންޓެއް ކަމަށެވެ.

އިނގިރޭސިވިލާތުން އަލަށް ރިޕޯޓްކުރި ކޮރޯނާވައިރަހުގެ ވޭރިއަންޓަށް ދީފައިވާ ނަމަކީ ވީޔޫއައި 202012/01 އެވެ.

އާ ވޭރިއަންޓްއާއެކު ގިނަ ގައުމުތަކަކުން މިހާރު ވަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތަކާ، އިނގިރޭސިވިލާތުން އެ ގައުމުތަކަށް ކުރާ ދަތުރުތައް މަޑުޖައްސާލާފައެވެ.

ވީޔޫއައި 202012/01 ފެތުރެމުންދާ އެއްވެސް ގައުމަކުން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް ފަހު ސައުދީއަށް އެތެރެ ވެފައި ވާނަމަ، 2 ހަފުތާގެ މުއްދަތަކަށް އެމީހަކު ކަރަންޓީނުވެ، ކޮންމެ 5 ދުވަހަކުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސައުދީއިން ވަނީ ހަމަޖައްސާފައެވެ. އަދި ފާއިތުވީ 3 މަހު މިއިން ގައުމަކުން ޓްރާންސިޓް ކޮށްފައިވާ މީހުންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ސައުދީއިން ވަނީ ގޮވާލާފައެވެ.

ސައުދީ އަރަބިއްޔާއަކީ ކޮވިޑް-19އާ ދެކޮޅަށް ނަސްރު ލިބިފައިވާ ކަމަށް އިއުލާން ކޮށްފައި ވާ ގައުމެކެވެ.