ދުނިޔޭގެ އެކި ސަރަހައްދުތަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެފައިވާ އިނގިރޭސިވިލާތުގައި، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުންދާއިރު، އެކަމާ ގުޅިގެން، އިނގިރޭސިވިލާތާ "ގާތް ގުޅުމެއް" ބާއްވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ.

އިނގިރޭސިވިލާތުގެ ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ސައެންސްވެރިންވެސް ވިދާޅުވެފައިވާއިރު، މި ބާވަތުގެ އިންފެކްޝަސް ރޭޓު އުޅެނީ 70 ޕަސެންޓްގައި ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އާ ވެރިއަންޓް ފެތުރޭ ދުވެލި ހަލުވިވީ ނަމަވެސް، މިއީ ފުރާނައަށް އިންތިހައަށް ނުރައްކާ ބަދަލެއް ނޫން ކަމަށް ބުނެވެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުންގެ ހަރުކަށި އަމުރުތައް އިއުލާންކޮށް، ކުރިއަށް އޮތް ނަސޯރާ ދީނުގެ މުނާސަބަތަކަށް އާންމު އުސޫލުން ޖާގަ ދެވެން ނެތް ކަމަށް އެގައުމުން ވަނީ ކަނޑައަޅާފައެވެ.

އަލަށް ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ ވޭރިއަންޓަކީ، ވެކްސިނަށް ތަފާތު ގޮތަކަށް ރިއެކްޓްކުރާ ވައިރަހުގެ ބާވަތެއް ކަން ސާބިތު ކޮށްދޭ ހެއްކެއް އަދި ނުލިބެއެވެ.

އާ ވެރިއަންޓާ ގުޅިގެން ނެދަލަންޑްސްއިން ވަނީ، ފަސެންޖަރުން ގޮވައިގެން އިނގިރޭސިވިލާތުން ނެދަލަންޑްސްއަށް ދަތުރު ކުރާ ފްލައިޓްތަކަށް ޖާގަ ދެވެން ނެތް ކަމަށް ބުނެފައެވެ. ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މި އަމުރު ދަންމާލުމަށް ނެދަލަންޑްސްއިން ނިންމާފައި ވާއިރު، މި ޑިސެމްބަރު މަހުގެ ކުރީކޮޅު ނެދަލަންޑްސްއިން ނެގި ސާމްޕަލަކުންވެސް އާ ވޭރިއަންޓްގެ އަސަރު ވަނީ ފެނިފައެވެ.

އާ ވެރިއަންޓްގެ މައުލޫމާތު، އިނގިރޭސިވިލާތުން ހިއްސާ ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި މިކަމާ ބެހޭ އާ މައުލޫމާތު އެނގޭ ވަރަކުން، ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާ މިކަން ހިއްސާ ކުރަމުންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.