މާދަމާއިން ފެށިގެން ކުޅިވަރު މުބާރާތްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދޭން ނިންމާފައިވާ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭން މިއަދު އާންމު ކުރި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނީ އެހަރަކާތް އޮންނަ ތަނަށް ވަދެ ނުކުތުމުގައި ދޮރު ކައިރީގައި އަދި އެތެރޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު (މާސްކް އެޅުން، މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން،އަތުގެ ސާފުތާހިރުކަން، ކުޅުނުޖެހުން، ދުންފަތުގެ އިސްތިއުމާލު ނުކުރުން) ފަދަ މައުލޫމާތު އާންމުކޮށް ފެންނާނެހެން ހުންނަން ޖެހޭނެ ކަމަށެވެ.

މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް ވަދެނިކުމެ އުޅޭ މީހުންނަށް އިރުޝާދުދޭ ބޯޑުތައް ބެހެއްޓުމާއި މީހުން ތޮއްނުޖެހޭ ގޮތަށް 3 ފޫޓު ގައިދުރުކަން ބެހެއްޓޭގޮތަށް އެތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް ފެންނަން ހުންނަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

ތަނަށް ވަދެ ނިކުންނަ މީހުންގެ އަދަދު ބެލެހެއްޓުމާއި މީހުން ގިނަނުވާ ގޮތަށް ތަނުގެ ތެރެއަށް ވަދެނިކުމެވާގޮތް ބެލެހެއްޓުން ހިމެނެއެވެ. އަދި ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި މީހެއް ތަނަށް ނުވަދެވޭނެގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭއިރު ފްލޫގެ އެއްވެސް އަލާމާތެއް ހުރިތޯބެލުން ހުންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ތަނަށް ވަންނަ މީހުން މާސްކް އަޅައިގެން ތިބޭކަން ކަށަވަރު ކުރުމާއި ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް މީހުން އެއްވެ އުޅުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނުވަންނާނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ. ހަފްލާ ނުވަތަ އެ ރަސްމިއްޔާތު ބާއްވާ ތަނުގެ ސާފްތާހިރުކަމާއި އެ ތަނުގައި އުފެދޭ ކުނި ނައްތާލުމުގެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނަން ޖެހެއެވެ.

މީގެ އިތުރުން އެ އުސޫލުގައި އެ ތަނަށްދާ މީހުން ސަމާލުވަނެ ޖެހޭ ކަމެއްގެ ގޮތުގައި 3 ފޫޓު ގައިދުކު ކުރުމާއި ފޮޓޯ ނަގާ ވަގުތު މާސްކް އަޅައިގެން ހުރުމާއި ތަންތަނުގައި އަތްލުން މަދުކުރަން ޖެހެއެވެ. އަދި ގެއަށް ދިއުމަށްފަހު 20 ސިކުންތުވަންދެން އަތް ދޮވުމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން މާލެއިން އެހެން ރަށަކަށް ފުރައިގެން ގޮސް ހަރަކާތެއް ބާއްވާނަމަ އެޗްޕީއޭ އާއި ފުލުހުންގެ ހުއްދައިގެ ލިޔުމެއް ހޯދަން ޖެހެއެވެ. ގެސްޓް ހައުސް ހިންގާ ރަށެއް ނުވަތަ ސިސޯޓަކަށް ގޮސް ހަރަކާތެއް ބާއްވާނަމަ އެ ރަށެއްގެ ކައުންސިލްގެ ހުައްދަ ހޯދަން ޖެހެއެވެ.

އެއްރަށުން އަނެއް ރަށަށްގޮސް ހަރަކާތެއް ބާއްވާނަމަ ރައްކާތެރިކަމުގެ ގޮތުން ރަށު ހުރިހާ އެންމެން މާސްކް އަޅަން ޖެހެއެވެ. އެފަދަ ހާލަތެއްގައި މީހުން ދިރިއުޅޭ ގޭގޭގައި މަޑު ނުކުރުމާއި މީހުން ދިރިއުޅޭނަމަ ވަކިން ކޮޓަރިއެއްގައި ހުރެ، ވަކިން ކައިބޮއެ އުޅުންފަދަ ކަންތައް ކުރުން ހިމެނެއެވެ. އަދި އެފަދަ ހަރަކާތެއް ބާއްވާނަމަ ކެފޭ/ ރެސްޓޯރެންޓް ފަދަ ތަންތަނަށް ދިއުމުގެ ބަދަލުގައި ޓޭކްއަވޭގެ ހިދުމަތް ހޯދުމަށްވެސް އެ އުސޫލުގައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޅިވަރުތައް ބޭއްވުމުގައި އަމަލުކުރަންވީ އުސޫލުގައި ބުނެފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ކޮވިޑުން ރައްކާތެރިވުމުގެ އުސޫލަށް އަމަލު ކުރުމާއި އެކު އެ ހަރަކާތެއް ބޭއްވުމަށެވެ.

އެގޮތުން އައުޓްޑޯ ހަރަކާތްތައް ބޭއްވުމަށާއި އިންޑޯކޮށް ބާއްވާނަމަ ވައި ދައުރުވާނެހެން ބޭއްވުމަށް އެ އުސޫލުގައި ވެއެވެ. ކޮންމެ ސެޝަނެއް ނިމުމުން ރަނގަޅަށް ސާފުކުރުމާއި މަދުވެގެން ދުވާލަކު 1 ފަހަރު ޑިސްއިންފެކްޓް ކުރުމަށްވެސް އެ އުސޫލުގައި ވެއެވެ. ކުޅިވަރު ކުޅުމަށް ޕްރެކްޓިސް ކުރާ ވަގުތު ނޫނީ މާސްކް އެޅުމަށާއި އިތުރު މާސްކެއް ގެންގުޅުމަށް ވެއެވެ. އަދި ކުޅުންތެރިންގެ ތަކެތި އެހެން މީހުންނާ ބަދަލު ނުކުރުމަށްވެސް އެޗްޕީއޭގެ އުސޫލުގައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދާއިރު، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދުތައް މިވަނީ 5ކާއި 20އާ ދެމެދު ހިފެހެއްޓިފައެވެ. މިއާއެކު، ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދެމުން ދާ ކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ރަށްރަށަށް ދަތުރުކުރުމުގައި ލުއި ދިނުމާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް ދަތުރު ކުރުމަށްފަހު ކަރަންޓީން ވާން ނުޖެހޭ ގޮތް ހެދުމާއި، ދަތުރު ކުރާ މީހުންގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރުން ފަދަ ލުއިތައް ވަނީ ދީފައެވެ.