އިންތިގާލީ އިންސާފުގެ ގާނޫނާއެކު އެމްޑީޕީން ވައުދުވި އިންސާފުގެ ގިނަ ގާނޫނު ފާސްވެ ނިމިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، އެ ގާނޫނު އިސްލާހު ކުރެއްވުމާއެކު އެމްޑީޕީގެ އެޖެންޑާ 19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމުނީ ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނުތައް ފާސްވުމާއެކު އެކަމަށް ރައީސް ސޯލިހާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އޭޓަނީ ޖެނެރަލްއާއި މަޖިލީހުގެ މުވައްޒަފުންނަށް ވަރަށް ހޫނު ގަދަ މަރުހަބާއެއް ނަޝީދު ދެންނެވިއެވެ.

އެމްޑީޕީން އިންސާފް ގާއިމު ކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، އިންތިގާލީ އިންސާފް ގާއިމު ކުރުމާއި، ޝަރިއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިފެންޑާސް އޮފިސް ގާއިމް ކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާ ކުރުން ހިމެނެއެވެ.

އިއްޔެ ރައީސް ސޯލިހް ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މި ބިލު ގާނޫނަކަށްވުމުން އުފެއދެވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ. އެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވަން ޖެހެއެވެ. ހަމައެއާއެކު އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައި ދިނުމާއެކު ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

އެ ގާނޫނަކީ 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި ގާނޫނެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.