ފުރަތަމަ ސީޓީ ސްކޭން ހަދާ، ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭނުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭނުގެ ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެއެވެ. އެގޮތުން އެ ހޮސްޕިޓަލުން ސީޓީ ސްކޭން ހެއްދުމަށް އެޕޮއިންޓްމަންޓް ހެއްދި ފުރަތަމަ ބަލި މީހާގެ ސްކޭން އިއްޔެ ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ވަނީ މިމަހު 3 ވަނަ ދުވަހު އިފްތިތާހު ކޮށްފައެވެ. އެ މަޝްރޫއުގެ ނިމުން ފާހަގަ ކުރައްވާ، އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތަށް ރައީސް ސޯލިހް ވަނީ ގަމަށް ޒިޔާރަތް ކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުމަކީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރު ކުރެވުނު މުހިންމު ހިދުމަތެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސީޓީ ސްކޭނުގެ ހިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ ލާމު އަތޮޅުން، ހިދުމަތް ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގެ ރައްޔިތުންނަށް ފަހި ވެފައި ވާ ކަމަސް ރައީސް ސޯލިހް ވިދާޅުވިއެވެ.