އިންސާނީ ވަގުފާރިއާ ދެކޮޅަށް ހޭޝްޓެގް "އެންޑް ހިއުމަން ޓްރެފިކިން"ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއެވެ. މި ކެމްޕޭނެއް އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން، މިނިސްޓަރު މާރިއާ ވަނީ، އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރުމާއި، އެކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތާ ޑިފެންސް މިނިސްޓްީއާ ހަވާލު ކުރުމަށްފަހު، ސަރުކާރުން ގެންދަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ފެބްރުއަރީ މަސް ތެރޭގައި، ކެބިނެޓުން ވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން ފާސް ކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީ ސްޓްރީމް ލައިންކޮށް، އަލުން އެކުލަވާލާފައެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ޑިފެންސް މިނިސްޓްރީގައި ޑިރެކްޓަ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަގާމެއް އުފެއްދުމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޝެލްޓަރެއް ގާއިމް ކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށުމާއި، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި ހާއްސަ އޮފީހެއް ޑިފެންސް މިނިސްޓްރީގައި ގާއިމް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެންޓި-ޓިޕް އޮފީސް ގާއިމް ކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވާއިރު، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި އެހެންމެ، ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިންސާއި ޝެލްޓާ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މިނިސްޓަރު މާރިއާ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕޭނެއް އިފްތިތާހު ކޮށްދެއްވީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައެވެ. އެ މެސެޖުގައި މިނިސްޓަރު މަރިއާ ވަނީ ދިވެހި މުޖްތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި އެފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އެގޮތުން ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި، ރައްކާތެރި ކަމާއެކު، ހިޖުރަ ކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު މާރިއާ ވަނީ ވިދާޅުވެފައެވެ.