ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ސާމްޕަލްތައް ރަޖިސްޓާ ކުރުމަށާއި ނަތީޖާ އެންޓާ ކުރުމަށް ބޭނުން ކުރާ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ކޮންމެދުވަހަކު ހާހަކަށްވުރެ ގިނަ ސާމްޕަލްތައް ނަގާ، އެ ސާމްޕަލްތަކުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެ ސާމްޕަލްގެ ނަތީޖާތައް އެމީހަަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންނާއި އެޗްޕީއޭގެ "ހާލު ބެލުން" ޕޯޓަލުންވެސް ފެންނަން ހުރެއެވެ.

މައްސަލަ ހައްލުކޮށްފައިވާއިރު، އިއްޔެ އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އެ ބަދަލުތަކުގެ ތެރޭގައި ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ.

އެ ބަދަލާއެކު، ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވެގެން ތިބި ފަރާތްތައް ވަގުތުން ޓެސްޓު ކުރުމަށްފަހު ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ޓެސްޓު ހެއްދުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަންގާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިގެ އިތުރުން ވެސް އިއްޔެ އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި، މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.