އަދާ ޖެހުނު އިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އާ ގުޅޭ ތަހުގީގުތައް ހިންގުމަށް، 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޓީމެއް، އަންނަ މަހު ޗައިނާއަށް ދަތުރު ކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއް (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން، ކޮވިޑް-19ގެ ކޭސްތައް ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށީ ޗައިނާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގެ ސައެންސްވެރިންގެ ޓީމަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ މިނިވަން ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމަށް ޗައިނާއިން ފަސްޖެހެއެވެ. މިކަމުގެ ސަބަބުން، ތަހުގީގު ހިންގުމާ ގުޅޭ މަޝްވަރާތައް އެތައް މަހަކަށް ދިގުލާ ދިޔައެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް / ފައިލް ފޮޓޯ: ލޯވީ އިންސްޓިޓިއުޓް

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، ސާސްކޮވް-2 އެންމެ ފުރަތަމަ ފެނިފައި ވަނީ، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާރުކޭޓަކުންނެވެ. ނަމަވެސް އެ ވައިރަހުގެ ހަގީގީ މަސްދަރަކީ ކޮބައިތޯ ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، އެމެރިކާއާއި ޗައިނާގެ ހީނަރު ގުޅުން އިތުރަށް ނުރައްކާވި ކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން އަންނަ ޗައިނާގެ ޒަމާންވީ އަދުވުގެ ގޮތުގައި އޮތް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، މި ބަލިމަޑުކަން އަސްލު ފެށިގެން އައި އޮތް ފޮރުވުމަށް ޗައިނާއިން މަސައްކަތް ކުރާ ކަމުގެ އިލްޒާމް، ޗައިނާއަށް އަމާޒު ކުރައްވާފައެވެ.

ތަހުގީގު ޓީމުގެ މަގުސަދަކީ ކޮބާ؟

އަންނަ މަހު ޗައިނާއަށް ދަތުރު ކުރާ ސައެންސްވެރިންގެ ޓީމުގައި ހިމެނޭ ބައޮލޮޖިސްޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޑަބްލިއުއެޗްއޯގެ ތަހުގީގުގެ މައިގަނޑު މަގުސަދަކީ އެއްވެސް ބަޔަކު ބަދުނާމު ކުރުމެއް ނޫނެވެ. ނަމަވެސް، މަގުސަދަކީ، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ މިފަދަ ބަލިމަޑުކަމުން ދިފާއުވެ، ސަލާމަތާއި ރައްކާތެރިކަން ހޯދުން ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ވޫހާން ސިޓީގެ ނަރުހެއް، އަލަށް އުފަންވި ތުއްތު ކުއްޖަކު އުރާލައިގެން/ފޮޓޯ: އެންބީސީނިއުސް

ޖަރުމަނުވިލާތުގެ ރޮބާޓް ކޯކް އިންސްޓިޓިއުޓްގެ، ޑރ ފޭބިއާން ލީންޑާޓްޒް އިތުރަށް ވިދާޅުވީ، މި ތަހުގީގަކީ މި ކަމުގައި ޒިންމާ އުފުލަން ޖެހޭ ގައުމު ހޯދުން ނޫން ކަމަށެވެ. ނަމަވެސް އަމާޒަކީ، މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ހިނގާފާނެ މިފަދަ ހާދިސާއަކުން ސަލާމަތް ވުން ކަމަށެވެ.

ވޫހާންގައި ކުރިއަށް ގެންދާ ތަހުގީގުގެ އަމާޒަކީ ވައިރަސް ދައުރުވާން ފެށި ދުވަސްވަރު ދެނެގަތުން ކަމަށެވެ. އަދި އެ ވައިރަހުގެ މަސްދަރަކީ ވޫހާންތޯ ނުވަތަ ނޫންތޯވެސް ބަލާނެ ކަމަށް ޑރ ލީންޑާޓްޒް ވަނީ ވިދާޅުވެފައެވެ.

ވޫހާންގައި ހިންގާ ތަހުގީގަކީ 4 ނޫނީ 5 ހަފުތާގެ މިޝަންއެއް ކަމަށްވެސް ޑރ ލީންޑާޓްޒް ވަނީ ހާމަ ކުރައްވާފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެންމަތިވި ޗައިނާގެ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ ވޯޑުގެ ކުޑަދޮރުގައި މައުލޫމާތުތަކެއް ލިޔެފައި/ފޮޓޯ: އޭއެފްޕީ

ވައިރަސް ފުރަތަމަ ދެނެގަނެވުނީ ކޮންތާކުން އަދި ކޮން އިރަކު؟

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކުހެން، މި ވައިރަހަކީ ވޫހާންގައި ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް ބާޒާރަކުން އައި ވައިރަހެއްކަން ހާމަވިއެވެ. ޖަނަވާރުންގެ ހަށިގަނޑުން، އިންސާނުންގެ ހަށިގަނޑަށް މި ވައިރަސް ފޯރީ އެ ބާޒާރުގެ ތެރެއިން ކަމަށް ބުންޏެވެ.

ނަމަވެސް ތަޖުރިބާކާރުންގެ ވާހަކަ މިހާރު ހިސާބަކަށް ތަފާތެވެ. ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ވޫހާންއަކީ، ވައިރަސް ގަދައަށް ފެތުރިގަތް މަންޒިލެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ދިރާސާތަކަށް ބަލާއިރު، ސާސްކޮވް-2 ނިސްބަތްވާ ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ވައިރަސްތަކަކީ، ފާހަގަވުމެއް ނެތި، ވާލުގެ ހަށިގަނޑުގައި އުޅޭ ވައިރަހެކެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ވޫހާން ސެންޓްރަލް ހޮސްޕޮޓަލްގެ ޑރ ލީ ވެންލިއާންގް ވަނީ، އާ ޒާތެއްގެ ބަލިމަޑުކަމެއް ފެތުރެމުންދާ ކަން، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ހުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ވަނީ، ޑރ ލީ ހިމޭން ކޮށްލުވާފައެވެ. ދިގު މައުލޫމާތު ނުފެތުރުމަށް ފުލުހުން އޭނާއަށް އެނގިއެވެ. އަދި ތޯތޯ ވާހަކަ ފަތުރާ ކަމަށް ބުނެ ޑރ ލީއާ ދެކޮޅަށް ތަހުގީގުވެސް ހިންގިއެވެ.

ޑރ ލީ ވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި މި ދުނިޔެއާ ވަކިވެފައެވެ. އެއީ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގެ ތެރޭގައި، ހުދު އޭނާއަށް ކޮވިޑް-19 ޖެހިގެން، އެ ބަލީގައެވެ.

ޗައިނާގައި 2019-އެންކޯވް ރޯގާ ފެތުރެމުންދާ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޗައިނާ ޑެއިލީ

އޭޕްރިލް މަހާ ހިސާބަށް އާދެވުނުއިރު، ވައިރަހަކީ ވޫހާންގެ ލެބޯޓްރީއަކުން ލީކުވީ ވައިރަހެއް ކަމަށް ބަހުސް ކުރަން ފެށިއެވެ. ޗައިނާގެ ލެބްގެ ބައޮސެކިއުރިޓީއާ މެދު އެމެރިކާއިން ކަންބޮޑުވުންފާޅުކުރިއެވެ.

އެމެރިކާގެ ދައުވާއަށް ޗައިނާއިން ގޮންޖަހައެވެ. ޗައިނާއިން ވަނީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާއިން ބޭރުން އައި ވައިރަހަކަށް ވެދާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މި ދައުވާއާ މުރާސިލުން ދެކޮޅެވެ. މިއީ ޖެހިލުންވެފައިވާ ޗައިނާގެ ސަރުކާރުން ދައްކާ ހުއްޖަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

ޑަބްލިއުއެޗްއޯގެ މޭސްތިރިކަމުގެ ދަށުން، ވޫހާންއަށް ދަތުރު ކުރާ ތަޖުރިބާކާރުންގެ ޓީމުގެ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމާ މެދުވެސް ސުވާލު އުފެދެއެވެ.