އިދިކޮޅު ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
ޕީޕީއެމުން ބުނީ އެ މަގާމަށް ތޮލާލް ހަމަޖައްސާފައި ވަނީ މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ދެމި ހުންނަވާ ގޮތަށް ކަމަށެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބޭނުމަކަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށާއި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ޝަކީލު ހުންނަވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.
މީގެކުރިން ވެސް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ތޮލާލް އެ މަގާމަށް އަނެއްކާވެސް ހަމަޖެއްސީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.