ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މައުލޫމާތު ހާމަކުރުމަށް ގެނައި ބަދަލުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށް ނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރި ވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ ބައި ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުން ހިމެނެއެވެ.

އަދި ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، އެހެން ގައުމުތަކާއި ނުވަތަ ސަރަހައްދުތަކާ އެ މައުލޫމާތު ހިއްސާ ކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއިދުގައި ކަނޑައަޅާ ގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާ ކަމަށް މި ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހް ތަސްދީގު ކުރެއްވުމާއެކު، އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. އަދި، މި ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ.