ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ފުރަތަމަ ދިނުމަށް ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު ގޮވާލައްވައިފިއެވެ.

ވެކްސިން ދިނުމާ ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ހަސަން (ހަސަންޓޭ) ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އިގްތިސާދާއި ކޮވިޑް-19 ގެ ވެސް "ފްރަންޓްލައިން" ކަމަށެވެ. އަދި އެއާޕޯޓުތަކުގެ މުވައްޒަފުންނެކޭ އެއްގޮތަށް ރިސޯޓު މުވައްޒަފުންނަށް ވެސް ފުރަތަމަ ވެކްސިން ލިބުން ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި ސަރުކާރުން އިސް ކުރާނެ ވިސްނުމާ ހިކުމަތާ މެދު ކުޑަ ވެސް ޝައްކެއް ނެތް ނުކުރައްވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ރިސޯޓް މުވައްޒަފުން ނަކީ އިގްތިސޯދާ ކޮވިޑް 19 ގެ ވެސް ފްރޮންޓްލައިން. އެއީ އެއަރޕޯރޓް އާއެކު ފުރަތަމަ ވެކްސިން ޖެހުން ހައްގު ބައެއް. މިކަމުގައި ސަރުކާރުން އިސްކުރައްވާނެ ވިސްނުމާ ހިކުމަތާ މެދު ކުޑަވެސް ޝައްެެކެއްނެތް!
އަހްމަދު ހަސަން (ހަސަންޓޭ)

މީގެ އިތުރުން އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ލިބޭ މީހުންގެ ލިސްޓުގައި ޓުއަރިޒަމް ދާއިރާގެ މުވައްޒަފުން ހިމެނެން ވާނެ ކަމަށާއި އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިއާދަކޮށް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ލިބޭ ވެކްސިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ދިނުމަށް ނިންމާފައިވާ އިރު ފުރަތަމަ 3 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންނަށާއި ކަށުކަމާ ކެމީގެ ކަންކަމުގައި މަސައްކަތްކުރާ މީހުންނަށެވެ. ބާކީ 17 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ރައްޔިތުންނާއި ހައިރިސްކް މީހުންނަށެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތިން ވަނަ ބުރުގައި ހިމެނެނީ 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށެވެ. އެ މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

ރާއްޖެ އަށް ގެންނަން ނިންމާފައިވަނީ ކޮން ވައްތަރެއްގެ ވެކްސިނެއްކަން އަދި ނިންމާފައި ނުވާ ކަމަށާއި ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.