ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ދެ ހަފްތާއެއް ކުރިން ފުލުހުން ކަނޑުމަތީގަ އާއި ރަށްރަށުގައި ހިންގަމުން އައި ޑްރަގް އޮޕަރޭޗަންގެ ތެރެއިން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
- ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
- ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)
ފުލުހުން ބުނީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އެމިހުންގެ ތެރެއިން ހަތަރު މީހެއްގެ ކަމަށެވެ. އެގޮތުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބި ދެ މީހުންގެ ތެރެއިން މުހައްމަދު ވިޝާމް އާއި އަލީ އަހުމަދު އާއި މުހައްމަދު އަކްރަމް އަދި އަބްދުﷲ ވިޝާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހަތަރު މީހުންގެ ތެރެއިން މުހައްމަދު ވިޝާމްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައިވާއިރު ބާކީ ތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވަމުންދަނިކޮށް "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން މި މަހުގެ 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ވެސް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ފުލުހުން ބުނެއެވެ.