ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަ ވާން ޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހުގެ ކޮލިޓީ ދަށްކުރުމާ ދެކޮޅު ކަމަށާއި ކަރުދާހުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަ ވާން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީ މެންބަރުން ޑަބަލް ކަރުދާސް ވޯޓު ކަރުދާސް ވޯޓު ލާ މަރުކަޒަށް ވެއްދުމުގެ ފުރުސަތު އީސީން ދީގެން ނުވާނެ ކަމަށް ވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ތިބީ ހޭލާ ކަން ވެސް ސުޖާއު ފާހަގަކުރެއްވިއެވެ.

ސުޖާއު އެހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ޝިޔާމް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ނަމުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތައް ހައްގެއް ސަރުކާރުން ނިގުޅާގަނެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ލޯކަލް ކައުންސިލް ކެމްޕޭނުގައި ސަރުކާރުގެ އިސްވެރިންނަށް މުޅި ރާއްޖޭގައި އުޅެވޭ ކަމަށާއި ނަމަވެސް އިންތިހާބުގެ ވާދަވެރިން ތިބީ ރަށު ބަންދުގައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.

އިންތިހާބު ބާއްވަން އަދިވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް 114 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 74 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 40 ކެންޑިޑޭޓުންނެވެ. ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ 13 ކެންޑީޑޭޓުން ހިމެނޭ ކަމަށް އީސީން ބުނެއެވެ.