މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން އާންމު އުސޫލުން ދިނުމުގެ މަޝްރޫއުތައް ފަށާ، ކުރިއަށް އޮތް 2021 ވަނަ އަހަރަކީ ވައިގެ އުދުހުންތައް އަނެއްކާވެސް ހިނގައިގަންނާނެ އަހަރެއް ކަމުގެ އުއްމީދު އާވުމާއެކު، ބައިނަލްއަގުވާމީ ޖެޓްފިއުލް ސިނާއަތުގެ ވިޔަފާރި، ހެޔޮ ފާލަކަށް އެޅިއްޖެއެވެ.

ފަސެންޖަރުން އުފުލާ ފްލައިޓްތަކަށް އޮންނަ ޑިމާންޑް އިތުރުވުމާއި، ކާގޯ ފްލައިޓްތަކަށް ޑިމާންޑް އިތުރުވަމުން ދިއުމުގެ ސަބަބުން ޖެޓްފިއުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެލުގެ އަގުތައް އުފުލެން ފަށާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބަލިމަޑުކަމާއެކު ވައިގެ އުދުހުންތައް މުޅިންހެން ހުއްޓުމަކަށް އައިއިރު، އިހު އޮތް މިންވަރަށް ޖެޓްފިއުލަށް ޑިމާންޑް އިތުރުވުމަށް އަދި އަހަރުތަކެއް ނަގާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ޖެޓްފިއުލް ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު، އެންމެ ބޮޑު މާކެޓްގެ ގޮތުގައި ސިފަކުރަމުން އަންނަ އޭޝިއާ ސަރަހައްދުގައި ޖެޓްފިއުލް އެކްސްޕޯޓް ކުރާ އަގުތައް ވަނީ 45 ޕަސެންޓް އުފުލިފައެވެ. މިއީ މިއަހަރުގެ މާޗް މަހަށް ފަހު މިއަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ދުވާލެއްގެ މައްޗަށް 1.3 މިލިއަން ފީފާގެ ޖެޓްފިއުލަށް އޭޝިއާ ސަރަހައްދުން ޑިމާންޑް ކުރާނެ ކަމަށް ލަފާކުރެވެއެވެ. އެއީ 2 ވަނަ ކުއާޓަރާ އަޅާ ބަލާއިރު 460000 ފީފާ އިތުރު އަދަދެކއް ނަމަވެސް، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 41 ޕަސެންޓް ދަށް އަދަދެކެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭޝިއާ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1.4 މިލިއަން ފީފާގެ ޖެޓްފިއުލަށް ޑިމާންޑް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ބާޒާރުގައި ޖެޓްފިއުލް ފީފާއަކުން 13 ޑޮލަރު ބޮޑުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ވިލާތު ސަރަހައްދުގައި މިއަދަދު އުޅެނީ 4 ޑޮލަރުގައެވެ.