ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވާރަންމަންޓްގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިއްޔެ އުފެއްދެވުމާ ގުޅިގެން މިހާތަނަށް މިނިސްޓްރީ އޮފް އެންވާރަންމަންޓްގެ ދަށުން ހިންގަމުން އައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން އުވައިލާފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުލީގެން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިޔާ ސިޓީގައި ޖަހާނީ 485 ކަމުގައި ވަނީ ހަމަޖައްސާފައި ކަަމަށެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސް ސޯލިހް އިއްޔެ ތަސްދީގު ކުރެއްވެވި ގާނޫނު ނަންބަރު 2020/26، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަކީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށް ދިނުމާ ގުޅޭ ކަންކަން އިންތިޒާމު ކުރުމަށް އިދާރާއެއް އުފެއްދުމާއި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައެޅާފައިވާ ގާނޫނެކެވެ.

އެ ގާނޫނުގެ މަގްސަދަކީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ހިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަން ކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމެވެ.

މީގެ އިތުރުން އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޒު ކުރުމާއި، އެ ގާނޫނާއި އަދި ކަމާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމު ކުރުންވެސް ޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގައި ހިމެނެއެވެ.