އަވަށްޓެރި އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނުތަކާ ގުޅިގެން އެ ގައުމުން ދަނޑުވެރިން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ވަރުގަދަކޮށް، ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފަށައިފިއެވެ.

މިއަދު ކުރިއަށް ގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު، 9 ގަޑިއެއްހާއިރަށް ދެމިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ވެރިރަށް ނިއުދިއްލީ ސަރަހައްދަށް އެތައް ހާސް ދަނޑުވެރިންނެއް ޖަމާވެ ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތައް، މިއަދު މުޅި ގައުމުގައި ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިއީ ގައުމީ ފެންވަރުގައި މުޒާހަރާ ކުރިއަށް ގެންދާ ދެވަނަ ދުވަހެވެ.

ދަނޑުވެރިކަމުގެ ގާނޫނުތަކުގެ މައްސަލާގައި ސަރުކާރާއި ދަނޑުވެރިންނާ ދެމެދު ސިލްސިލާ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އަދާ ޖެހުނު އިރުވެސް، އެއްވެސް ވަރެއްގެ ހައްލެއް ހޯދި، ކޮޅެއްގައި ޖެއްސިފައެއް ނުވެއެވެ.

މައްސަލަތަކަށް ހައްލު ނުލިބި ދިގުލައިގެން ދާއިރު، މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަނީ ދަނޑުވެރިންގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ 33 މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ހަޅުތާލަކީ ދަނޑުވެރިންގެ އިހުސާސްތައް މިހާރަށް ވުރެ ވަރުގަދައަށް ބަޔާންކޮށްދިނުމަށް ކުރާ އިހުތިޖާޖެއް ކަމަށް ބެލެވެއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވީންދު ކެޖްރިވާލްވެސް ވަނީ ދިއްލީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ. ކަންމިހެން އޮތްއިރު، ދަނޑުވެރިކަމާ ބެހޭ ވަޒީރު ނަރޭންދްރާ ސިންހް ތުމާރު ވަނީ، މި މުޒާހަރާތަކަކީ އިދިކޮޅު ފަރާތްތަކުން ހިންގާ ޕްރޮޕަގަންޑާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އިސްލާހީ ބަދަލުތައް ގެނައުމުގެ ދަނޑުވެރިންނަށް އޮތީ ދިގު މުއްދަތުގެ ރާސްތާގައި ކަމަށާއި، ކުރު މުއްދަތުގައި ތަކުލީފުތަކަކާ ކުރިމަތިވުން އެކަށީގެން ވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަމަށްވާ ބާރްތިޔާ ކިސާން ޔޫނިއަން (ބާނޫ ފެކްޝަން) އިން ވަނީ، ގާނޫނުތައް އަނބުރާ ގެންދިއުމަށް ގޮވާލާ، އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނު ކުރިން އޮތް ގޮތުން ނަމަ ދަނޑުވެރިންގެ އަތުން އުފެއްދުންތައް ގަންނާނެ އެންމެ ދަށް އަގަކަކަށް ސަރުކާރުން އޮތީ އެއްބަސްވެފައެވެ. ނަމަވެސް އާ ގާނޫނުގައި ބާރު އޮތީ ޕްރައިވެޓް ސެކްޓަރަށެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވާ ގޮތުގައި އާ ގާނޫނުތަކަކީ، އުފެއްދުންތަކަށް އަގު ހޯދުމުގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން މަޝްވަރާކޮށް، އަގު އުފުލުމުގެ ފުރުސަތު ދެނިވި ގާނޫނުތަކެކެވެ.

ނަމަވެސް ދަނޑުވެރިން ދެކޭ ގޮތް ތަފާތެވެ. ދަނޑުވެރިން ބުނާ ގޮތުގައި މިއީ ބޮޑެތި ވިޔަފާރިތަކަށް ފައިދާ ވާ ގޮތަށް އޮތް ގާނޫނުތަކެކެވެ.