ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ސަރަހައްދުން 250 ކިލޯގްރާމްގެ ލައިވް-ބޮމެއް ފެނިއްޖެއެވެ.

އެއާޕޯޓްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ސައިޓެއްގައި ވަޅުލާފާއި އޮއްވާ ފެނުނު މި ބޮމަކީ، 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި، މިނިވަންކަމުގެ ހަނގުރާމައިގެ ތެރޭގައި ބަޔަކު ވައްޓާލި ބޮމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސިލިންޑަރެއް ޒާތުގެ މި ބޮން ފެނުނީ އެ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ މީހުންނަށެވެ. ދިފާއީ ވުޒާރާއިން ބުނީ، ބޮމެއް އޮތް ކަމުގެ ހަބަރު ލިބުމާއެކު، އެ ބޮން ނުގޮވާ ގޮތް ހެދުމަށް، ވައިގެ އަސްކަރިއްޔާގެ ބޮމް-ސްކޮޑުން ސީންއަށް ދިޔަ ކަމަށެވެ.

އެއަށް ފަހު، އެކަށީގެންވާ ރައްކާތެރި މަހައުލެއްގައި ބޮން ނައްތާލުމަށްޓަކައި، އެކަމަށް ހާއްސަ ސަރަހައްދަކަށް ބޮން ގެންދިޔަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބޮމާ ބެހޭ ތަޖުރިބާކާރަކު ބުނާ ގޮތުގައި ޑާކާއިން ފެނުނު ބޮމަކީ ވައިގެ މަގުން ވައްޓާލާފައިވާ ބޮމެކެވެ. އެ ބޮމަކީ، ދުޝްމަނުންގެ ފައުޖުތަކާ، އުޅަނދުތަކަށް ގެއްލުން ދިނުމަށް ވައްޓާލި ބޮމެއް ކަމަށް ބެލެވޭ ކަމަށްވެސް ތަޖުރިބާކާރު ވަނީ ބުނެފައެވެ.