ރާއްޖޭގެ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުގައި ތިބި މީހންގެ ތެރެއިން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖައްސާފައިވާ ކެޓަގަރީތަަކަށް، މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ވެކްސިން ޖެހުމަށް ކަނޑއެޅިފައިވާ ކެޓަގަރީތަކަށް މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަތޮޅުތެރޭގައި އަންނަނީ އެއްކުރަމުން ކަމަށެވެ. އަދި މާލޭގައި މި މަސައްކަތް ފަށަން ވީމާ އާންމުކޮށް އިއުލާން ކުރެވޭނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ކޮވެކްސްއިން ދޭ ވެކްސިން ރާއްޖޭގެ 20 ޕަސެންޓަށް ދިނުމަށް ނިންމާފައިވާ އިރު ފުރަތަމަ 3 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންނަށާއި ކަށުކަމާ ކެމީގެ ކަންކަމުގައި މަސައްކަތްކުރާ މީހުންނަށެވެ. ބާކީ 17 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ރައްޔިތުންނާއި ހައިރިސްކް މީހުންނަށެވެ.

ކޮވިޑް ވެކްސިން: ފުރަތަމަ ކެޓަގަރީ

  • ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން
  • ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން
  • އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން
  • ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން
  • ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

ކޮވިޑް ވެކްސިން: ދެވަނަ ކެޓަގަރީ

  • 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް
  • ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން
  • ހަކުރު ބަލި ހުންނަ މީހުން
  • އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން
  • ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން
  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން
  • ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން
  • ތެލެސީމިއާ ކެރިއަރުން
  • ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން

ކޮވިޑް ވެކްސިން: ތިންވަނަ ކެޓަގަރީ

  • ޓީޗަރުންނާއި ފުލުހުންނާއި ސިފައިން
  • އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން
  • ޓޫރިޒަމް ދާއިރާގެ މުވައްޒަފުންވެމްކޯ މުވައްޒަފުން
  • ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން
  • ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް
  • ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން
  • ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތިން ވަނަ ބުރުގައި ހިމެނެނީ 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށެވެ. އެ މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވެފައި ވެއެވެ. ކޮވިކްސް އިން ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި އިތުރު ވެކްސިންތައް ވެސް ލިބޭނީ ބައިބަޔަށް ވަކިވަކިން ކަމަށް ނަޒްލާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ނަޒްލާ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ވެކްސިން ދޭވެނެ ކަމަށެވެ.