މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިފްކޯއިން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯ އިން ބުނީ މަސްވެރިންނަށް އައިސް ވިއްކާ އަގު ގާތްގަނޑަކަށް 29 ޕަސެންޓް ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން މިފްކޯ އިން ގެނައި އެބަދަލާއެކު ކުރިން 1060 ރުފިޔާއަށް ވިއްކަމުން އައި އައިސް ޓަނެއް ދެން ލިބޭނީ 750 ރުފިޔާއަށް ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

މިފްކޯ އިން ބުނީ އެ އަގުތަކުގައި ވިއްކާނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ މިންވަރަކަށް ބެލުމަށް ފަހު ކަމަށެވެ.

ރާއްޖޭގެ 20 ސަރަހައްދެއްގައި މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމުތައް މިފްކޯ އިން ވަނީ ހަމަޖައްސައިފައެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން މަސް ކިރުވުމުގެ ދަތިތަކަކަށް ހައްލު ހޯދައިދިނުމަށް އަންނަ އަހަރު 460 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރީއުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް މަސް ރައްކާ ކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.