ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އެޗް.ޑީ.ސީ) އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި (ސްޕޯޓްސްކޯ) ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރެއްވީ ސްޕޯޓްސްކޯގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.

އެޗްޑީސީން ބުނީ، މި އެމްއޯޔޫގެ މަގްސަދަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ތަރައްގީ ކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި، އަދި އެފަރާތުން ތަރައްގީ ކުރާ ކުޅިވަރާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ދެފަރާތުން ގުޅިގެން އެޗްޑީސީގެ ދަށުގައިވާ އެކިއެކި ބިންތަކުގައި ކުޅިވަރު ކުޅެވޭނެ ތަންތަން ގާއިމްކުރުމަށް މަސައްކަތް ކުރުމަށް ކަނޑައެޅުމު އެމްއޯޔޫއެއް ކަމަށެވެ.

މީގެ އިތުރުން މި އެމްއޯޔޫގެ ދަށުން އެޗްޑީސީ އާއި ސްޕޯޓްސްކޯ އިން ކުރިއަށްގެންދާ ކުޅިވަރާއި ގުޅުންހުރި އެކިއެކި ދިރާސާތަކާއި ޑޭޓާ ދެފަރާތުން ހިއްސާ ކުރުމަށާއި، ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ޕްރޮގްރާމް ހިންގުމާއި، ދެފަރާތުން ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި، ގޮތްތައް ކަނޑައެޅުން ވެސް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރާ ތާރީހުން ފެށިގެން މީލާދީ 03 އަހަރު ދުވަސް ކަމަށް އެޗްޑީސީން ބުނެއެވެ. މި އެމްއޯޔޫގެ ސަބަބުން ތަފާސްހިސާބްތަކުގެ އަލީގައި މި ސަރަހައްދަށް މިހާރަށްވުރެ ތަނަވަސް ގޮތެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވި، އެކަށީގެންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި ކުޅިވަރު ފެސިލިޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި ޒަމާނީ ކުޅިވަރު ފެސިލިޓީތައް ގާއިމްވެ ކުޅިވަރުގެ އެކިއެކި ދިރާސާތައްކޮށް ޑޭޓާ ލިބުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ކުޅިވަރުދާއިރާއަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގާ އެތުލީޓުން ތަމްރީންކުރުމުގެ ޕުރޮގްރާމްތަކަށް ވެސް މަގު ހުޅުވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.