ކޮވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތް ކުރާ އެންމެންގެ އިންސާނީ ހައްގުތައް، ތަފާތު ކުރުމެއް ނެތި ފުރިހަމައަށް ރައްކާތެރި ކޮށްދިނުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވާ ހިތާބުގައެވެ. ރައީސް ވިދާޅުވީ، ކޮވިޑާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒު ކުރާއިރު، ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ކަމަށެވެ.

ހަމައެއާއެކު ބައިނަލްއަގްވާމީ މުޖްތަމައު އިހު އޮތް އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި، ކޮވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް، ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ އުސޫލެއް ގާއިމު ކުރެވެންޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެ ބައްޔާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ މި ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައި ވެސް ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީނާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދުގައި ވެސް ތަފާތުކުރުމެއް ނެތި ދިވެހި ދައުލަތުގެ ފަރާތުން އަމަލުކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް ބައްދަލުކުރީ، މުޅި ދުނިޔެއަށް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންސާނީ އެތައް ހައްގުތަކަކުން މަހްރޫމްވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގައި ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުން ފަދަ އަސާސީ ހައްގުތަކުން މަހްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެހައްގުތައް ލިބެމުން ނުދާ އެތައް ބަޔަކު ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެންވެސް ތިބީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށާއި، ކޮވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖްތަމައަށް ކުރިމަތިވެފައި ވާ، ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައެވެ. އަދި މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޮވިޑްގެ ގެއްލުންތަކުން އަރައި ގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށިތާ 70 ވަނަ އަހަރު ފުރޭ ދުވަހެވެ. މިއަދާ ގުޅިގެން ދުވަހުގެ ޝިއާރެއްގެ ގޮތުގައި، އ.ދ. އިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރިކަވާ ބެޓާ - ސްޓޭންޑް އަޕް ފޯ ހިއުމަން ރައިޓްސް" އެވެ.