މަސް ކިރުވުމުގެ ދަތިތަކަކަށް ހައްލު ހޯދައިދިނުމަށް އަންނަ އަހަރު 460 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރީއުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ކުރިމަތި ވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތަކެއް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް މަސް ރައްކާ ކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެމަކުފާނު ވިދާޅުވިއެވެ.

އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އެ މަޝްރޫއުތައް ނިމުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ކުރީކޮޅު ރިސޯޓުތައް ބަންދުކޮށް، މުޅި ރާއްޖެ ފުރަބަންދު ކުރުމާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވި. މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައި. ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަން ވެސް ހުއްޓިގެން ދިޔަ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ، މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށީ، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުޖުތަމައުގައި މަސްވެރިންގެ ގަދަރާއި އިއްޒަތް ހިފެހެއްޓުމުގެ މަގްސަދެއްގައި ކަަމަށެވެ. ހަމައެފަދައިން، ގައުމުގެ އިގްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ އިތުރުކުރުމަށްޓަކައި މަސްވެރިންނަށް ހިތްވަރުދީ މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް މަސްވެރިންގެ ދިުވަސް ފާހަގަ ކުރަން ފެށި މަގްސަދެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ރިސޯޓުތައް މި އަހަރު ކުރީ ކޮލޫ ހުއްޓިގެން ދިޔަ ކަމަށާއި މުޅި ރާއްޖެ ފުރަބަންދު ކުރުމުން މަސްވެރިކަމުގެ ސިނާއަތަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ހެން ހުއްޓި ރިސޯޓް މާކެތަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަރުމަހުގެ މަސްވެރިކަން ވެސް ހުއްޓިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަމުން އެނގިގެން ދިޔައީ ވަސީލަތްތައް މަދު ގައުމެއްގައި އެއް ސިނާއަތެއްގެ މައްޗަށް މުޅި އިގްތިސޯދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން ކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާއިރު، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން، ވަކިން ހާއްސަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައި ވެސް މަސްވެރިކަމުގެ ސިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތު ކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުން މަސްވެރިކަން އިތުރަށް ފުޅާކޮށް، އިގްތިސޯދަށް ދިރުން ގެނައުމަށްޓަކައި، މަސްވެރިންނާއި މަސްވެރި އާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް، ސަރުކާރުން މަރުޙަބާ ކިޔަން. އަދި އެކަމުގައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރާއްޖޭގެ ގައުމީ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއްވާ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައި ވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައި ވެސް، މުޅިން ހުއްޓުމަކަށް ނައިސް އިގްތިސޯދު ހިނގަހިނގާ އޮތީ ދިވެހި މަސްވެރިކަމުގެ ސަބަބުން ކަމަށް ރައިސް ވިދާޅުވިއެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިގްތިސޯދީ އަދި ސިއްހީ ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތް ކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރުގައި ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައށިް ވިދާޅުވިއެވެ. އަދި ދޯނި ފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އިތުރު ކުރެވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުއާއަކީ، ދިވެހި މަސްވެރިކަން މިހާރަށްވުރެ ކުރިއަރުވައި، އިގްތިސޯދީ ބޮޑު ބާރެއްކަމުގައި ހެދުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَىގެ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރެއްވުން. ދިވެހި މަސްވެރިންނަށް އުޖާލާ ފާގަތި ދުވަސްތަކަކަށް އެދެން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހަމައެއާއެކު މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި މެރިކަލްޗާގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި ކެޔޮޅުންނަށް އަދި ފަޅުވެރިންނަށާއި އޮޑިވެރިންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން މަސްވެރިންގެ އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ވިޔަފާރިވެރިންނަށާއި، ކުންފުނިތަކަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ސޯލިހް ވަނީ ފޮނުއްވާފައެވެ.