ކޮރަޕްޝަނަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުން ދާ ބައިނަލްއަގްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށައި އެ މައްސަލަ ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ގާއިމުކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މި ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ ކަމަށާއި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕޯޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް ހުރި ކަމަށެވެ.

ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް. ހަގީގަތަކީ މިއީ.
ރައީސް

އޭގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކަށާއި، ގާނޫނީ އަދި ޝަރުއީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، އެމްއެންޑީއެފްއަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް ހުރި ކަމަށެވެ.

އޭގެ ތެރެއިން ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުން ކަމަށާއި އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭސީސީއަށް ބަލައިގެންފައި ކަމަށާއި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ގެންދަނީ ފުލުހުންނާ ހިއްސާކުރައްވަމުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ގިނަ ކަންތައްތައް ހުރި ކަމަށައި އެއްކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތްގޮތް ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭ ގޮތްތައް. އަދި އޭގެ އިތުރުން، ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައިގޮތް ކަމަށެވެ.

މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނާގެ ރައްޓެއްސެއް، ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ. މިއީ ހަގީގަތުގައިވެސް ކަން ހިނގަމުން އައިގޮތް. މިހާހިސާބުން އެ ފެށެނީ، ހަމައާއި އުސޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ. މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ސަގާފަތެއް.
ރައީސް

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުން ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށައި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދީ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.