ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި މޫލާފައި އޮތް ކޮރަޕްޝަނަށް މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތު އާއްމުކޮށް ފެށި ކެމްޕޭނާ އެކު މައްސަލަތައް ރިޕޯޓްކުރުން ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުން ދާ ބައިނަލްއަގްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓް ކުރަން ހިތްވަރު ދިނުން ކަމަށާއި, ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.

އެގޮތުން މި ސަރުކާރުން އަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރު ކުރުން ކަމަށާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖަވާބުދާރީ ވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި، އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މިގާނޫނުގެ ވަރަށް މުހިންމު މަގްސަދެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައި ވާކަމުގައި ބުނަމުން ގެންދަވާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެ ކަމަށާއި އެކަން އެހެން މެދުވެރި ވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަން ކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ހަމައާއި އުސޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ސަގާފަތް މިހާރުން މިހާރަށް ބަދަލުކުރަން ޖެހިފައި ވާކަމުގައި ވިދާޅުވެ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.

މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވަނީ ކޮވިޑް-19އަށް ފަހު ގައުމު ބިނާކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން އެކުލަވާލައިފައި ވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައި ވާކަން ފާހަގަ ކުރައްވާފައެވެ.

އޭގެ ތެރެއިން އެއް ކަމަކީ، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް އާއްމުކޮށް ފެންނާނޭހެން ހާމަ ކުރުން ކަމަށާއި، މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަން ކުރެވޭ ބޭފުޅުން ހިމެނޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ގާނޫނުލްއުގޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރު ވާނީ ދެ އިސްލާހެއް ހުށަހަޅާފައި ކަމަށާއި، މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިން ތަކަށް ބަދަލު ގެނައުން ފަދަ ކަންކަން ކުރުމަށް ރާއްވަވާފައި ވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި، މީގެއިތުރުންވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތައް މިއަދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮންފަރެންސްގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ ފަހި މާހައުލެއް ގާއިމު ވެގެ ންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.