އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުޅުމާލޭ އަމީން އެވެނިއުގައި ހުންނަ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހުޅުމާލޭ އަމީން އެވެނިއުއަށް ބަދަލުވެވަޑައިގަތީ މިދިޔަ ހަފްތާގައެވެ. އޭނާ އަދިވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތީ ކަރެކްޝަންސްއިން އޭނާ ދިރިއުޅުއްވާ ގޭގައި ސެކިއުރިޓީ ބަލަހައްޓައެވެ.

މީގެ ކުރިން އަދީބު ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ނިދަން ޖެހެނީ ސްލީޕް އެޕްނިއާ މެޝިނެއް ގުޅައިގެން ކަމަށާއި ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާވެސް އޭނާއަށް ޖެހިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރިއެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދީބަށް އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭ ގޮަތަށް އޭރު ވަނީ ނިންމާފައެވެ.

އަދީބުގެ މައްޗަށް ހުކުމް ކޮށްފައި ވާއިރު، ކުރީގެ އަޑުއެހުމުގައި އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.