އެންމެންގެ ފަރާތުން އެންމެނަށް އޮތް ފަންޑެއްގެ ހައިސިއްޔަތުން ސެންޓްރަލް އެމަޖެންސީ ފަންޑު (ސާފް) އިން ކުރާ މަސައްކަތަކީ، މަލްޓިލެޓެރަލިޒަމް ނުވަތަ ގިނަ ގައުމުތަކެއް އެކީ މަސައްކަތް ކުރުމުގެ ރޫހާ އެއްގޮތަށް، އިންސާނިއްޔަތަށް ކުރިމަތިވާ ހާދިސާތަކުން އަރައިގަތުމަށް ވީހަވެސް އަވަހަށް މަސައްކަތް ކޮށްދިނުން ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އދއިން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ "ސާފް ޕްލެޖިންގް ކޮންފަރެންސް" ގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ، ވާހަކަދައްކަވަމުންނެވެ.

ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، ސާފްއިން ކުރާ އަގު ނުކުރެވޭ މަސައްކަތާ އެކު ރާއްޖެ އޮތްކަން ހާމަ ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ރަމްޒީ އެހީ އެއް ވެދީފައި ވާނެ ކަމަށާއި، ސާފްގެ މިންނެތް މަސައްކަތަށްޓަކާ، ބައިނަލްއަގުވާމީ ޑޯނަރުންގެ ފަރާތްތަކުން އެ ފަންޑަށް އެހީވުމަށް ހިތްވަރުދެއްވާ ކަމަށެވެ.

އދގެ ތަރައްގީއާ ބެހޭ މަޝްރޫއުގެ ތެރެއިން، ކޮވިޑް-19ގައި ސޫރިޔާގައި ހަރަކާތްތެރިވާ ވޮލަންޓިއަރުން/ފޮޓޯ: މީޑިއަމް

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، ވާޗުއަލް ޕްލެޓްފޯމެއްގައި ފެށި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، ސާފް ފަންޑަކީ، ހަލުވި ދުވެލީގައި މަސައްކަތް ކުރާ، "ފްލެކްސިބަލް" ފަންޑެއް ކަމަށާ، ކުއްލި ނުރައްކަލުގެ ބައެއް ހާލަތްތަކުގައި ބޭނުން ކުރަން އޮތް ހަމައެކަނި ފަންޑަކީވެސް މިއީ ކަމަށް ވިދާޅުވެފައެވެ.

ސާފްއަކީ، ޑޯނަރުން ނުލިބުމުގެ ސަބަބުން ހަނދާން ނެތިވެ ގޮސްފައިވާ ކާރިސާތަކާ ގުޅިގެން މާލީ އެހީ ފޯރުކޮށްދޭ ފަންޑެއް ކަން ފާހަގަ ކުރައްވާ، ގުޓެރޭޒްވެސް ވަނީ، މިއީ އދގެ މުޅި ނިޒާމު އެކަތިގަނޑަކަށް ހެދުމަށް މުހިންމު ވަސީލަތެއް ކަމަށް ސިފަކުރައްވާފައެވެ.

މި މޭރުމުން ގުޓެރޭޒް ވިދާޅުވީ، މި ހިނގާ 2020 ވަނަ އަހަރުވެސް، ހަނދާން ނެތިކޮށްލާފައިވާ 20 ކާރިސާއަކަށް 225 މިލިއަން ޑޮލަރު، ސާފް ފަންޑުން ހޭދަ ކޮށްފައި ވާ ކަމަށެވެ.

އެހީގެ ސަބަބުން ކޮވިޑް19ގެ ހާލަތުންނާއި، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުމުގައި މުހިންމު ކުރިއެރުންތަކެއް ލިބިގެން ދިޔަކަން ދިވެހި ހާރިޖީ ވަޒީރުވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ކޮވިޑް19 ފަދަ ބާރަށް ފެތުރިގެންދާ ވަބާއަކުން ރައްކާތެރިވުމަށް ފުރަތަމަ ދުވަހު ޚަރަދު ކުރެވޭ 1 މިލިއަން ޑޮލަރުގެ ސަބަބުން އޭގެ 100 ދުވަސް ފަހުން އަތުވެދާނެ ބިލިއަން ޑޮލަރުގެ ޚަރަދުތަކުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށް ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ރެފިއުޖީ ކުޑަކުއްޖަކު، އދގެ އެހީގެ ޕެކޭޖެއް ހިފައިގެން/ފޮޓޯ: އދ

ކޮވިޑް19 އަށާއި، ފެންބޮޑުވުމާއި، ފެނަށް ޖެހުން ފަދަ ގުދުރަތީ ހާދިސާތަކުން އަރާގަތުމަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދިން އެހީތަކުގެ ސަބަބުން އިންސާނިއްޔަތަށް އެއިން ކުރާ އަސަރުވަނީ އެތައް ގުނައަކުން ކުޑަކުރެވިފައި. އދ ގެ އެޖެންސީތަކަށް ފަންޑް ހަމަ ޖެއްސުމުގައި ސެންޓްރަލް އެމަޖެންސީ ފަންޑުން ގެންގުޅެފައިވަނީ ވަރަށް ޚަރުދަނާ އުސޫލުތަކެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ސާފް ފަންޑު އުފެދިގެން އައީ 2016 ވަނަ އަހަރު އޮތް އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައެވެ. 1 ބިލިއަން ޑޮލަރުގެ އަގަކާއެކު އުފެއްދުމަށް ނިންމި މި ފަންޑަށް ބޭނުންވާ މާލީ އެހީއަކީ މެމްބަރު ގައުމުތަކާ ބައިވެރިން ފޯރުކޮށްދޭ އެހީއަށް ވާއިރު، ކޮންމެ ބަޔަކުވެސް ކުޑަ މިންވަރެއް ހަދިޔާ ކުރުމުން އަމާޒަށް ވާސިލުވެވޭނެ ކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.