އިތުރު ތައާރަފަކަށް ބޭނުން ނުވާ އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި ޝާއިރު، ބޮބް ޑިލަން، އޭނާގެ ހުރިހާ ލަވަތަކެއްގެ ރައިޓްސް ވިއްކާލައިފިއެވެ.

އުމުރުން 79 އަހަރުގެ ލަވަކިއުންތެރިޔާ، އޭނާގެ ހުރިހާ ލަވައެއްގެ ރައިޓްސް ވިއްކާލީ ޔުނިވާސަލް މިއުޒިކް ގުރޫޕަށް ކަމަށް ވާ އިރު، މިއީ ޔުނިވާސަލްގެ ތާރީހުގައިވެސް ހެދި މިފަދަ އެންމެ ވަރުގަދަ ޑީލެވެ.

މި ޑީލްގެ ދަށުން، ބޮބް ޑިލަންގެ ހުރިހާ ލަވައަކަށް ލިބޭ އާމްދަނީ، ކުރިއަށް އޮތް ތަނުގައި ލިބޭނީ ޔުނިވާސަލަށެވެ. އެގޮތުން ޝާއިރެއްގެ ގޮތުގައި ބޮބް ޑިލަންއަށް މިހާރު ލިބެމުންދާ އާމްދަނީއާ، އޭނާގެ ކޮންމެ ލަވައެއްގެ މައްޗަށް އޮތް ކޮންޓްރޯލްގެ ސަމުގާވެސް މިހާރު ވަނީ ޔުނިވާސަލްގެ އަތަށް އަރާފައެވެ.

60 އަށް ވުރެ ގިނަ އަހަރު މިއުޒިކީ ދުނިޔޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ބޮބް ޑިލަންގެ 600 އެއްހާ ލަވައެއްގެ ރައިޓްސް، ޔުނިވާސަލްއަށް ނަގާނެ ކަމަށް ހަބަރު ލިބެއެވެ.

މި އަގުބޮޑު އެއްބަސްވުމުގެ ތަފްސީލިތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އެއްބަސްވުމެއް ކަމަށް ހަބަރު ލިބެއެވެ.

އަސްލު ނަމުން ނަމަ ރޮބާޓް ޒިމާމަންގެ ލަވަތަކާ ގުޅުންހުރި ކަންކަން މީގެ ކުރިން ބަލަހައްޓަމުން ދިޔައީ ސޮނީ/އޭޓިވީއިންނެވެ. އަދި މިކަމުގައި ބޮބް ޑިލަންގެ އަމިއްލަ ޓީމެއްވެސް ހަރަކާތްތެރިވިއެވެ.

1960ގެ އަހަރުތަކުގެ ކުރީކޮޅު ތައާރަފުވެގެން އައި ބޮބް ޑިލަންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަލު ބަލައިގެންފައިވާ ލަވަކިއުންތެރިއެކެވެ. ޑޭވިޑް ބޯވީއާއި ދަ ބީޓްލްސް ފަދަ ފަންނުވެރިންނާއި ބޭންޑުތަކުގެ އުފެއްދުންތަކުގެ "އިންސްޕިރޭޝަން" އަކީވެސް ބޮބް ޑިލަންއެވެ. އަދުގެ ދުނިޔެއަށް ބަލާއިރު އެޑޭލް ފަދަ ލަވަކިއުންތެރިންނަކީ ބޮބް ޑިލަންގެ ލަވަތައް ކަވަކޮށްގެން މަގުބޫލުކަން ހޯދާފައިވާ ފަންނުވެރިންނެވެ.

ބޮބް ޑިލަންއަކީ އަދަބިއްޔާތުގެ ރޮނގުން ނޮބެލް ސުލްހައިގެ އިނާމު އެންމެ ފުރަތަމަ ހާސިލު ކުރި ސޯންގްރައިޓަރެވެ.