އަވަށްޓެރި އިންޑިއާގެ އަންދްރަޕްރަދޭޝް ސްޓޭޓްގައި ފެތުރެމުން އަންނަ ގޮތް ނޭނގޭ ބަލިމަޑުކަމުގައި އެކަކު މަރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

އަންދްރަޕްރަދޭޝްގެ އެލޫރޭ ކިއުނު ސަރަހައްދުގައި ގޮތް ނޭނގޭ ބަލިމަޑިކަމެއް ފެތުރެމުންދާ ކަން ހާމަ ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މި ބަލީގައި މީހަކު މަރުވީ އާދީއްތަ ދުވަހު ކަމަށް ހޯމަ ދުވަހު އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މި ބަލީގައި މަރުވީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ.

ގޮތް ނޭނގޭ ބަލިމަޑުކަމުގައި މޭ ނުބައި ކުރުމާއި، ހާސްވެ ނުތަނަވަސްވުމުގެ އިތުރުން ހެޔަށް ގޮތް ވާ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުއްލި ގޮތަކަށް ފެތުރެން ފެށީ ގޮތް ނޭނގޭ ބަލިމަޑުކަމުގެ ސަބަބު ދެނެގަތުމަށް ތަހުގީގުތައް ހިންގަމުންނެވެ. މިހާތަނަށް ބެލި ބެލުމުން، ފެނުގެ ތަޣައްޔަރު ކަމެއް ނުހިނގާ ކަން ކަށަވަރު ވާ ކަމަށް، އިންޑިއާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެކި އުމުރުގެ މީހުންގެ ކިބައިން މި ގޮތް ނޭނގޭ ބަލީގެ އަސަރުތައް ފެންނަމުންދާއިރު، މި އެންމެންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި ޑެންގޫ، ޗިކުންގުންޔާއާއި ހާޕީސް ފަދަ ބަލިތަކަށްވެސް ނެގެޓިވް ކަމަށް މައުލޫމާތު ލިބެއެވެ.