މިއަދު ރާއްޖޭގައި 15 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 116 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 15 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 14 މީހަކާއި ސިނާއީ މަސައްކަތް ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވި މީހަކާއި ހިނގަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،213 ށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 116 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،437 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 722 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 70 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ. އެއީ 40 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 47 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.