މަޝްރޫއުތައް އިފްތިހާހު ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސަރުކާރުގެ ވެރިން ރަށްރަށަށް ދަތުރުތައް ކުރައްވައިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އިދިކޮޅަށް އެ ފުރުސަތު ނުދޭކަމުގެ ޝަކުވާ ކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން، ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ކުރަމުންދާ ދަތުރު ތަކަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތަކެއް ކަމަށެވެ.

ކޮވިޑް-19 އިގެ ނިވަލުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބޭނުންކޮށްގެން، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ސަރުކާރުން އެޗްޕީއޭ ބޭނުން ކުރަނީ ސިޔާސީ ޖަރީމާ ހިންގަން ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އަޅުގަނޑުމެން މިއަދު ވާދަވެރި ސިޔާސީ ޕާޓީއަކަށް ވެ ތިބެ އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ އެއްވެސް ރަށަކަށް ނުވެސް ދެވިގެން މިއުޅެނީ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ވީ ބަޔަކު ގޮވައިގެން ރާއްޖޭގެ ރަށްތަކަށް ގޮސް ކެމްޕެއިންގައި އުޅުއްވާތަން މިފެންނަނީ،
ޝިޔާމް

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ބައެއް މެންބަރުން ގޮވައިގެން އަތޮޅު ތެރެއަށް ދަތުރުކުރެވޭ ކަމަށާއި، ނަމަވެސް އިދިކޮޅު މެންބަރުންނަށް އަމިއްލަ ދާއިރާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ މާޗު ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީއިން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް ވެސް އީސީން ބުނެއެވެ.

އިދިކޮޅަށް ކެމްޕޭން ކުރުމަށް ފުރުސަތު ނުލިބޭ ކަމަށް ތުހުމަތު ކޮށްފައި ވާއިރު، ކޮވިޑް-19ގެ ސަބަބުން ކަރަންޓީނު ނުވެ، މާލެއިން ރަށް ރަށަށް ދަތުރު ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް މުހިންމު މަސައްކަތެއްގައި ދާ މީހެއް ނަމަ ކަރަންޓީނު ނުވެ 5 ދުވަހަށް ރަށްރަށުގައި އުޅެވޭނެ ކަމަށް ބުނެފައި ވެއެވެ. ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އެކަމުގެ ބޭނުންކޮށް، އެކި އެކި އިވެންޓުތަކަށް ރަށްރަށަށް ދަތުރު ކުރަމުންނެވެ.