"ޖާނީ" އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" ނަމުގައި ޝާއިއުކޮށްފައިވާ ފޮތެއް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނެރެދެއްވައިފިއެވެ.

ފަޒްނާ އެ ފޮތް ނެރެދެއްވީ އެ ކަމަށްޓަކައި މުލީއާ ގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" އެ ފޮތް ބިނާކޮށްފައި ވަނީ ޕާޓްނަޝިޕް ފޯ ޑްރަގް ފްރީ ކިޑްސްގެ "އިންޓަރވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސް ގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިއުކޮށްފައިވާ އެކި މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.

އެ ފޮތް ބައްޓަންކޮށްފައިވަނީ އެ މައުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތު އެކުލަވައިލައިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

"ޖާނީ" އަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާހޯދުމާއި މުޖުތަމައާ އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމިއްއްޔާއެކެވެ.

އެ ޖަމުއިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.