ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީ 3 އަންހެނަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނަކާއި 47 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑެއް ބޭނުންކޮށް އޮލުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި އުމުރުން 24 އަހަރުގެ އަންހެނެއް ވެސް ހިފަހައްޓަފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު 3 މީހަކު އިމިގްރޭޝަނުން ހިފަހައްޓާފައި ވާ އިރު، މިއަހަރުގެ މިހާތަނަށް ފަސް މީހަކު ވަނީ މި ގޮތަށް ރާއްޖެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި މިދިޔަ ޖުލައި މަހުގެ 27 ގައި 40 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވާފައެވެ. އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ފޮނުވާލާފައެވެ.
ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މީހުންނާއި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭ ގޮތް ނުވެފައެވެ. އެހެންކަމުން މިއަހަރު މިފަދަ މައްސަލަތައް ފެންމަތިވާލެއް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.
މިދިޔަ އަހަރުވެސް ފޭކް ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންގެ އަދަދު 20 ވަނީ ވިއްސަށް އަރާފައެވެ.