މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަސްވަނަ ދައުރަށް އަލަން މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވޯޓުލުން ނިންމާ، މީޑިއާތަކުންނާއި އާއްމުންގެ ތެރެއިން މެންބަރުން ހޮވައިފިއެވެ.

މިއަދު އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައި ހެނދުނު 11:00 އިން 12:00 އަށެވެ. ވަގުތު ހަމަވީއިރު ވެސް ވޯޓުލާން ކިއުގައި ގިނަ ބަޔަކު ތިބުމާ އެކު އެފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެމްއެމްސީ އިންތިހާބަށް ވޯޓުލައި ނިމުމުން ވޯޓުތައް ގުނާފައިވާ އިރު، މީޑިއާގެ މެންބަރުކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުނު 7 މެންބަރުންނަށް ހޮވިފައި ވަނީ، އަލީ ހުސައިން (152 ވޯޓު)، މުއިއްޒު އިބްރާހިމް (99 ވޯޓު)، އާދަމް ނަވާޒް (92 ވޯޓު) ގެ އިތުރުން ހަސަން ޝާކިރު މުުހައްމަދު (88 ވޯޓު)، އާދަމް ނަޒީރު (97 ވޯޓު)، ޝަހުބާން ފަހުމީ (94 ވޯޓު) އަދި ހުސައިން ސަގީފް (97 ވޯޓު) އެވެ. އަދި އެނމެ ގިނައިން ވޯޓު ލިބުނު އާއްމު މެންބަރުންގެ ތެރެއިން ހޮވިފައިވަނީ އަންވަރް ހުސައިން (112 ވޯޓު)، އިބްރާހިމް ފައުޒީ (99 ވޯޓު)، ޝަފާތް ހަބީބް (83 ވޯޓު)، މުހައްމަދު ޝަފާއު ހަސަން (82 ވޯޓު)، ފާތިމަތު އަހުމަދު (142 ވޯޓު) އަދި އަހުމަދު މޫސާ (90 ވޯޓެ) މި 6 މެންބަރުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 6 މެންބަރުންގެ މައްޗަށެވެ. މިފަހަރުގެ މީޑިއާ ކައުންސިލްގެ އިންތިހާބުގައި 29 ފަރާތަކުން ކުރިމަތިލާފައިވާއިރު، މި އިންތިހާބުގައި މީޑިއާގެ މެންބަރުކަމަށް 15 މީޑިއާއަކުން މީހުން ވަނީ ކުރިމަތިލާފައެވެ. ކޮންމެ މީޑިއާއަކުންވެސް ބައިވެރިވެވެނީ އެކަަކަށެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށް 14 މީހަކު ވަނީ ކުރިމަތިލާފައިއެވެ.

މި އިންތިހާބަކީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވުމާއެކު އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާފައިވާ އިންތިހާބެކެވެ.