ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔެ ހޭދަކުރި މަސްތަކަށްފަހު އެ ބައްޔަށް ވެކްސިނެއް ހޯދި އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ބައެއް ގައުމުތަކުގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށް ދިނުން ކަމަށާ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ގެ ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށް ދިނުން
ރަައީސް

ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ގަމުގައި މިއަދު ފެށިގެންދިޔަ ސީޓީ ސްކޭންގެ ހިދުމަތަކީ، އެތަން ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވެނު މުހިންމު ހިދުމަތެއްކަމަށެވެ.

އެކަމުގެ ސަބަބުން ހިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ އެ އަތޮޅުން، ހިދުމަތް ހޯދުމުގެ ފުރުސަތު އެސަރަހައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައިވާ ކަމަށާއި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރާ މަސައްކަތާއެކު، ހިދުމަތުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.

ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ގެނެވޭ މުހިންމު ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

ކޮވިޑް ވެކްސިން ރާއްޖޭގެ އެންމެނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 270 ދުވަސް ވަނީ ހޭދަ ކޮށްފައެވެ. މިހާތަނަށް 13,070 މީހަކަށް ވަނީ ކޮވިޑް ޖެހިފައިވާއިރު،އޭގެ ތެރެއިން 12،001 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 91 ޕަސެންޓް މީހުންނެވެ. ކޮވިޑުން ރަނގަޅު ނުވެ 1،015 މީހުން ތިބިއިރު، އޭގެ ތެރެއިން 91 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 47 މީހަކު ވަނީ މަރުވެފައެވެ.