ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނެއްގެ ޑެމޮންސްޓްރޭޝަނެއް ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ހައްދުންމައްޗަށް މިއަދު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ކައްދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވައިފައިވާ ކަމަށެވެ.

ރައީސް ހައްދުންމަތީގެ ދެ ރަށަށް ކުރައްވާ މި ޒިޔާރަތުގައި ފުރާވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.

މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

އެ ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.