ގެދޮރު ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް އެހީވުމަށް ކެނެޑާއިން ރާއްޖެއަށް ދިން 1 މިލިއަން ޑޮލަރުން ދިވެހި ސަރުކާރު ކުރީ ކޮން ކަމެއްތޯ އައްސަވާ ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ މުއިއްޒު މިހެން ވިދާޅުވީ، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަންނާނެ ގެދޮރެއް ނެތި ހާލުގައި ބަޔަކު ދިރިއުޅެމުންދާ ފަދަ ވާހަކަތަކެެއް ފެންމަތިވެފައި ވަނިކޮށެވެ. އެފަދަ މިހުން ކުނި ވަށިގަނޑުތަކުން ކައި ބޮއެ ހަދާކަމަށާއި އެފަދައިން ދިރިއުޅެމުން އަންނަނީ ޒުވާނުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ފޮޓޯތަކެއްވެސް ދައުރުވެފައެވެ.

މުއިއްޒު ވިދާޅުވީ، ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލަކީ މާލޭގައި ނިކަމެތިކޮށް ދިރިއުޅެމުންދާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލި މަގުމަތިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާ ސަރުކާރުން ދިވެހި ސަރުކާރަށް 1 މިލިއަން ޑޮލަރު ދީފައި ވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހުގައެވެ. އެ އެހީއާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ވަޅޯ މަސް މާރުކޭޓްގެ ގޮޅިތަކާއި، މަސްވެރިންގެ ޕާކުގެ ޖޯލިތަކުގައާއި ކާނިވަލުގެ ސްޓޭޖް މަތި އަދި މާލޭގެ އެކި ހިސާބުތަކުގައި ފަޅަށް ހުންނަ ގެތަކުގައި ވަންނާނެ ގެދޮރެއް ނެތި އުޅެމުންދާ ޒުވާނުން އުޅެއެވެ. މާލޭގައި ވަންނާނެ ގެދޮރު ނެތި އުޅެމުންދާ މީހުންނަށް އެހީވާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަ ކުރެވިފައިވަނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ކަމަށެވެ.

މީގެ ކުރިންވެސް ކޮވިޑް19ގެ ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި އުޅުނު މީހުންނަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު މާލޭގައި އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދީފައި ވެއެވެ.